ޚަބަރު

އަފްޣާނިސްތާނަށް ހަމަޖެހުންގެނައުމަށް އެމެރިކާއާއި ޠާލިބާނުން ޞުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރަނީ


އަފްޣާނިސްތާނަށް ޞުލްޙަ ގެނައުމުގެ އެއްބަސްވުމުގައި އެމެރިކާއާއި ޠާލިބާނުން މިމަހުގެ ނަވާވީސްވަނަ ދުވަހު ސޮއިކުރާނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އަފްޣާނިސްތާނުގައި ހަމަނުޖުހުން ކުޑަކުރުމަށް ފެބްރުއަރީ އެކާވީސްވަނަ ދުވަހުގެރޭ މެންދަމުން ފެށިގެން އެއް ހަފުތާއަށް ދެފަރާތުން ޙަމަލާބަދަލުކުރުން މަޑުޖެއްސުމަށްވަނީ އެއްބަސްވެފައެވެ. ޤަތަރުގައި ހުންނަ ޠާލިބާނުންގެ ސިޔާސީ އޮފީހުގެ ވެރިއެއްކަމަށްވާ މައުލަވީ ޢަބްދުއްސަލާމް ޙަނަފީވަނީ އަފްޣާނިސްތާނަށް ޞުލްޙަގެނައުމުގެ އެއްބަސްވުމުގައި މިމަހުގެ ނަވާވީސްވަނަ ދުވަހު ސޮއިކުރަން ހަމަޖެހިފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި ޠާލިބާނުންގެ ތަރުޖަމާނަކުވަނީ ޞުލްޙައިގެ އެއްބަސްވުމުގައި ސޮއިކުރުމުން އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނުންނާ ދެމެދު އަސީރުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަންވެސް ކަށަވަރުކޮށްދީފައެވެ.

އަފްޣާނިސްތާނުގެ މައްސަލަ ސިޔާސީގޮތުން ޙައްލުކުރުމަށް އެމެރިކާއާއި ޠާލިބާނުން ޞުލްޙައިގެ ވާހަކަތައް ބޭއްވީ އެސަރަޙައްދުގައިވާ އެމެރިކާގެ އަސްކަރީ ބާރުވެރިކަން ކުޑަކުރުމަށް މަގުފަހިކުރުމުގެ ގޮތުންކަމަށް ޕޮމްޕެއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. އެމެރިކާއާއި ޠާލިބާނުން ޞުލްޙައިގެ އެއްބަސްވުމުގައި ސޮއިކުރުމުން އެޖަމާޢަތާއި އަފްޣާނިސްތާނުގެ ސަރުކާރާ ދެމެދުވެސް ޞުލްޙައިގެ ވާހަކަތައް ފެށިގެންދާނެކަމަށް ބެލެވެއެވެ. އަފްޣާނިސްތާނުގެ ސަރުކާރަކީ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއްކަމަށް ބުނެ އަފްޣާނިސްތާނުގެ ސަރުކާރާ ޞުލްޙައިގެ ވާހަކަތައް ދެއްކުމަށް މީގެ ކުރިން ޠާލިބާނުންވަނީ ދެކޮޅުހަދައިފައެވެ.