ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް އޮތްކަމަށް މިހާތަނަށް ސްރީލަންކާގެ ކަމާބެހޭ އިދާރާއަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކަށަވަރުކޮށްދީފައި ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރައްވައިފިއެވެ.
ފުލުހުންގެ އިދާރާއިން މިކަން ހާމަކުރައްވާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ހަމަލާއާ ގުޅިގެން ދިވެހިންގެ ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށް، ލަންކާގެ ނޫސްތަކާ ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ޚަބަރު ފަތުރާފައިވަނިކޮށެވެ.
ސްރީލަންކާގައި މިއަދު އެއްވެސް ދިވެއްސަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ފުލުހުންނަށް މަޢުލޫމާތުދިފައިވާ ކަމަށް އެއިދާރާއިން ހާމަކުރެއެވެ.
ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅުންހުރި އެހެން މުއައްސަސާތަކާ ގުޅިގެން ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ފުލުހުންވަނީ ރާއްޖޭގެ ރައްޔިތުންނަށް އަރުއްވާފައެވެ.