ތިމާވެށި

މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޖަޒީރާތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ސެމިނަރއެއް ބާއްވައިފި


މޫސުމަށް އަންނަ ބަދަލުތަކާއި އެހެނިހެން ގޮތްގޮތުން ދިވެހިރާއްޖޭގެ ޖަޒީރާތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ސެމިނަރއެއް ބާއްވައިފިއެވެ.

"ރީފް އައިލެންޑް ޗޭންޖް އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށްގެންދިޔަ މި ސެމިނަރ ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައެވެ. މި ސެމިނަރގައި އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި އެހެނިހެން ގޮތްގޮތުން ދިވެހިރާއްޖޭގެ ޖަޒީރާތަކަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ބޭއްވި މި ސެމިނަރގައި މައުލޫމާތު ދެއްވީ ކެނެޑާގެ ސައިމަން ފްރެސަރ ޔުނިވަރސިޓީގެ ޕްރޮފެސަރ އޮފް އަރތު އެންޑް ސައިންސް ޑރ. ޕޯލް ކެންޗްއެވެ.

މި ސެމިނަރގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ ދިވެހިރާއްޖޭގެ ރަށްތަކުގެ އައްސޭރިފަށަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ޕްރޮފެސަރ ޕޯލް ހައްދަވާފައިވާ ދިރާސާތަކުގެ ހޯދުންތަކުގެ މައްޗަށެވެ. އަދި މޫސުމީ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ޖަޒީރާވަންތައްކަމަށް އަންނަމުންދާ ބަދަލުތަކާގުޅޭ ގޮތުން ހޯދިފައިވާ އެންމެފަހުގެ ހޯދުންތަކުގެ މައްޗަށް ޕްރޮފެސަރ ވަނީ އަލިއަޅުވާލާފައިވެއެވެ.