މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި 6،400ރ ހަމަޖެއްސުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ލަފާދީފިއެވެ.
މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އެކުލަވާލި އެންމެކުޑަމިނުން ދެވޭ އުޖޫރައިގެ ރިޕޯޓްވަނީ ރައްޔިތުންގެ މަޖިލީހާއިވެސް ހިއްސާކޮށްފައެވެ. ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވީ އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައިއެލްއޯއިން ލަފާ އަރުވާފައިވަނީ ރާއްޖޭގެ މިނިމަމް ވޭޖުގެ ގޮތުގައި 6،000ރ އާއި 6،500ރ އާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށްކަމަށެވެ.
މިނިމަމްވޭޖް ކަނޑައެޅުމުގައި ވަޒީފާދޭ ފަރާތްތަކަށް އެދަދަކީ ދެވޭ އަދަދެއްތޯވެސް ބަލަންޖެހޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ވަޒީފާ ދޭ ފަރާތްތަކަށް ނުދެވޭވަރުގެ ބޮޑު އަދަދެއް އެންމެ ކުޑައުޖޫރައިގެ ގޮތުގައި ކަނޑައެޅިއްޖެނަމަ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޮޑު ހީނަރުކަމެއް އައުމުގެ ބިރުވެސް އޮތްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިމަމްވޭޖް ކަނޑައެޅުމުގައި 6 ދާއިރާއެއްވަނީ ޚާއްސަކޮށްފައެވެ. އެދާއިރާތަކަކީ ޓޫރިޒަމްގެ ދާއިރާއާއި، އިމާރާތްކުރުމުގެ ދާއިރާއާއި، މަސްވެރިކަމާއި، ތައުލީމީ ދާއިރާއާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއެވެ. ބޯޑުން ކުޑައުޖޫރަ ކަނޑައެޅުމަށް ލަފާދެއްވާފައިވާ ދާއިރާތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް 6،400 ރުފިޔާއާއި، 8،000 ރުފިޔާއާއި ދޭތެރޭގެ އަދަދަކަށް އުޖޫރަ ދިނުމަށް އެއްބަސްވެފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓަރަށް ދޭގޮތަށް ސަރުކާރުގެ ފަރާތުން ވަޒީފާއާބެހޭ ޤާނޫނަށް އިސްލާޙު ގެނެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.
އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރު ނެރުއްވާ އަމުރުގައި، މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ ޢަދަދާއި، އިތުރުގަޑީގައި ލިބޭނެ މިންވަރު ކަނޑައެޅުއްވިދާނެކަމަށްވެސް ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހްތަކުގައި ބަޔާންކޮށްފައިވެއެވެ.
އަދި ވަކި މަސައްކަތެއްގައި ނުވަތަ ވަކި ދާއިރާއެއްގައި ހަރަކާތްތެރިވާ މަސައްކަތްތެރީންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ވަކިން ބަޔާންކުރުމާއެކު، މިގޮތުން ކަނޑައަޅާ އުޖޫރައެއް ދިނުމުގައި ވަޒީފާދޭ ފަރާތްތަކުން އެއަމުރަކަށް ފުރިހަމައަށް ޢަމަލުކުރުމަށް ވަކި މުއްދަތެއް ނުވަތަ މުއްދަތުތަކެއް ކަނޑައަޅާފައިވާނަމަ، އެކަން ބަޔާންކުރަންވާނެކަމަށްވެސް މިއިސްލާޙްތަކުގައިވެއެވެ.