ޚަބަރު

މަގުމަތީގައި މަސައްކަތްކުރުމުގެ ހުއްދަދިނުން މަޑުޖައްސާލައިފި


މިނިވަން ފަންސާހާއިގުޅިގެން މާލޭގެ ބޮޑެތި މަގުތަކުގައި އިމާރާތްކުރުމާއި އެފަދަ އެހެނިހެންވެސް މަގުމަތީގައި މަސައްކަތްކުރުމަށް ހުއްދަދިނުން ހައުސިންގ މިނިސްޓްރީން މަޑުޖައްސާލައިފިއެވެ.ހައުސިންގ މިނިސްޓްރީން ވިދާޅުވީ، މިނިވަން ފަންސާހުގައި ގިނަ ހަރަކާތްތަކެއް މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްގެންދާނެތީ، ބޮޑުތަކުރުފާނު މަގާއި،އެހެނިހެންވެސް ބޮޑެތިމަގުތަކުގައި އިމާރާތްކުރުމާއި، މަގުމަތީގައި ކުރާއެފަދަ މަސައްކަތްކުރުމަށް ހުއްދަދިނުން މިހާރު ވަގުތީގޮތުން ހުއްޓަލާފައިވާކަމަށެވެ. އަދި މާލޭގެ އެތެރެ މަގުތަކުގައިވެސް އިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ހުއްދަ ދޭނީ މިނިސްޓްރީން ކަނޑއަޅާފައިވާ ވަކި ވަގުތުތަކެއްގައިކަމަށާއި، އެއީ ރޭގަނޑު ބާރާއިގެ ފަހުންކަމަށެވެ. އަދި މިނިވަން ފަންސާހުގެ ހަރަކާތްތައް ނިމުނުހާ އަވަހަކަށް ހުއްދަ ދޭން ފަށާނެކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.މިނިވަން ފަންސާހަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ ބޮޑު ސަރަހައްދެއް ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބޮޑެތި މަގުތަކުގައި ދުވަހާގުޅޭ ޕެރޭޑާއި، އެހެނިހެންވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.