ޚަބަރު

އިންޑިއާގެ ޕޮލިސް އެކަޑަމީއަކާ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މިނިސްޓަރ އިމްރާން މަޝްވަރާކުރައްވައިފި


ދިވެހި ފުލުހުންނާއި އިންޑިއާގެ ހައިދަރު އާބާދުގެ "ސަރުދާރު ވައްލާބާއި ޕަޓޭލް" ނޭޝަނަލް ޕޮލިސް އެކަޑަމީއާދެމެދު ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައްކުރައްވާފައިވަނީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ މިހާރު އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އިމްރާންގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވީ އެއެކަޑެމީގެ ޑިރެކްޓަރެވެ.

ހޯމް މިނިސްޓަރ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި މަހުގެ 18އިން 23އަށް ހޯމް މިނިސްޓަރ އިންޑިއާއަށް ކުރައްވާ މިދަތުރުފުޅަކީ، އިންޑިޔާގެ ހޯމް މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.