މިހާރު އަލުން ރޭވުމުގެ މަސައްކަތް ކުރަމުންދާ ކަޅުވަކަރު މިސްކިތުގެ ވަޅު ބަހައްޓައިފި. ކަޅުވަކަރު މިސްކިތުގެ ވަޅު ރަސްމީކޮށް ބެހެއްޓެވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު. މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި އެމިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި.
ކަޅުވަކަރު މިސްކިތުގައި ބަހައްޓާފައިވާ ވަޅަކީ، މިސްކިތު ގޯތި ތެރޭގައި މީގެ ކުރިން ވުޟޫ ކުރުމަށް ބޭނުންކުރި ވަޅެކެވެ. ދުއިސައްތަ އަހަރުވެފައިވާ ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މި މިސްކިތް މިހާރު ބަހައްޓަނީ ކުރީގެ ދިރާގުހުރި ބިމުގައެވެ. މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ ރަސްމީކޮށް ހުޅޫވާނެ ތާރީޚެއް އަދި ނޭގެއެވެ. މިސްކިތް އަލުން ބަހައްޓަނީ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ނަމަވެސް، މިސްކިތުގައި ނަމާދު ކުރެވޭނެކަމަށް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.
ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. މިމިސްކިތް އަލުން ރާވާފައި މިވަނީ މިސްކިތް ރޫޅާލައިގެން ނަގައި މިސްކުތުގެ ބައިތައް ތަނެއްގައި ބަހައްޓާފައި ހުންނަތާ 2 އަހަރު ފަހުންނެވެ.
ކަޅުވަކަރު މމިސްކިތުގައި ލަކުޑީގެ ގޮތުގައި ބޭނުން ކޮށްފައިވަނީ ހައިވަކަރާއި ކަޅު ވަކަރެވެ. މިގޮތުން ހައިވަކަރު ބޭނުންކޮށްފައިވާނީ ކުރިން ކަޅުވަކަރުން ހަދާފައިހުރި ތަންތަން އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރުމުން ކަމަށް ހެރިޓޭޖް މިނިސްޓްރީން މަޢޫލޫމާތު ދެއްވައެވެ.
މުޅި ކަޅުވަކަރު މިސްކިތުގައި ގާތްގަނޑަކަށް 550 ހިރިގާ ބްލޮކް ބޭނުންކޮށްފައިވެއެވެ. މިސްކިތް ރޭވުމުގެ މަސައްކަތުގެ ދަށުން މިސްކިތުގެ ގަލުގެ ބައިތަކާއި ލަކުޑީގެ ބައެއް ބައިތައް ފަނި ބޮއެ ހަލާކުވަނިކޮށް، އެތަކެއްޗަށް ދޭންޖެހޭ ފަރުވާދީ ހަލާކުވެފައި ހުރި ތަންތަން ވަނީ މަރާމާތުކޮށްފައެވެ.
200 އަހަރުވެފައިވާ ކަޅުވަކަރު މިސްކިތަކީ އައްސުލްޠާން ޙަސަން ނޫރައްދީން، އިސްކަންދަރު މަހާރަދުން މާލޭގައި ބިނާކުރެއްވި މިސްކިތެކެވެ. މިމިސްކިތް މީގެކުރިން 3 ތަނަކަށް ބަދަލުކޮށްފައިވެއެވެ. މިމިސްކިތް ފުރަނަފުއްޓަށް ވިއްކާލާފައިވެސްވެއެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މިސްކިތް އަނބުރާ ހޯއްދަވައި ގެނެސް ބަހެއްޓީ ސަލްޓަން ޕާކުގައެވެ.