ޚަބަރު

ރާއްޖެއަށް މިއަދު ބޭނުންވަނީ އީޖާދީ އުފެއްދުންތެރިކަމަށް ވިސްނުން ހިންގާ ޒުވާނުން: ރައީސް


ރާއްޖެއަށް މިއަދު ބޭނުންވަނީ ޒަމާނީ ތަޢުލީމް އުނގެނި، އީޖާދީ އުފެއްދުންތެރިކަމަށް ވިސްނުން ހިންގާ، އުފެއްދުންތެރި ޒުވާނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމަށް އެރަށުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދ. ރިނބުދޫ ސުކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހް ވިދާޅުވީ، މީގެ ކުރިން ރަށްރަށުގެ ރައްޔިތުންގެ ބުރަ މަސައްކަތުން ސްކޫލްތައް ހިންގަމުން ދިޔަ ނަމަވެސް މިއަދު އެ ޙާލަތާއި ސިޔާސަތު ވެސް ބަދަލުވެފައިވާކަމަށެވެ. އެގޮތުން ދަރިންނަށް ކިޔަވައިދިނުމަކީ ދައުލަތުގެ ޒިންމާއެއްގެ ގޮތުގައި ހަމަޖެހި، ދައުލަތުގެ ބަޖެޓްގެ އެންމެ މަތީ އިންސައްތައެއް، މިހާރު ޚާއްޞަ ކުރެވިފައިވަނީ ދަރިންނަށް ކިޔަވައިދިނުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ތަޢުލީމީ ސިޔާސަތަށް ބަދަލުގެނައީ، ތަފާތު ގިނަ ކަންކަމަށް ވިސްނުމަށް ފަހުކަމަށާއި، އެގޮތުން ޤައުމު ހަލުވިމިނުގައި ތަރައްޤީކޮށް ކުރިއަރުވައި، އިޤްތިޞާދީ ގޮތުން ދުނިޔެއަށް އަންނަ ބަދަލުތަކާއި ތަރައްޤީއާ އެއް ހަމައެއްގައި، ޤައުމުގެ އިޤްތިޞާދީ ދުވެލި ބެހެއްޓޭނީ، ޢާންމު ރައްޔިތުންގެ ކިބައިގައި ތަރައްޤީގެ ވިސްނުން އުފެދި ދަރިންނަށް ޒަމާނީ ތަޢުލީމް އުނގަންނައިދީގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ވަޑާންކުރުން ވެސް، އޮޑިދޯނިފަހަރު ބަނުން ވެސް، ގެދޮރު ޢިމާރާތް ކުރުން ވެސް، މިއިން ކޮންމެ މަސައްކަތަކީ، ޢިލްމީ އެތައް ތިއަރީއެއްގެ މައްޗަށް ބިނާކޮށް، ތަރައްޤީކޮށްފައިވާ މަސައްކަތެއް. މިއީ، ވަކި ގްރޭޑަކުން ދަރިފުޅު ސްކޫލުން ވަކިކޮށް، މަސައްކަތަށް ފޮނުވާ ޒަމާނެއް ނޫން. އަދި މިއީ މަސައްކަތެއް ދަސްކޮށްނުދީ، ހަމައެކަނި ސްކޫލްގެ ފިލާވަޅުތައް ހިތުދަސްކުރާ ޒަމާނެއްވެސް ނޫން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައިވެސް ތަފާތު ފަންނުތަކާއި ތަފާތު ހުނަރުތައް ލިބިފައި ތިބި ކުދިން ތިބޭނެކަމަށާއި، އެކަން ދެނެގަނެވޭނެ އެންމެ މުނާސަބު މީހުންނަކީ، ބެލެނިވެރިންނާއި މުދައްރިސުންކަމަށެވެ. ރައީސް ވިދާޅުވީ ރިނބުދޫ ސުކުލްގެ ދަރިވަރުންވެސް އަދި ރާއްޖޭގެ ހުރިހާ ދަރިވަރުންވެސް އަމާޒު ހިފަންވީ، ސްކޫލް މަރުޙަލާ ނިންމުމަށް ފަހު، ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުން، މަތީ ތަޢުލީމް ޙާޞިލްކޮށް، ޤައުމުގެ ތަރައްޤީގައި ޢަމަލީ ގޮތުން ބައިވެރިވާނެ ޒުވާނަކަށް ވުމަށެވެ. އީޖާދީ އުފެއްދުންތެރި ޒުވާނުންތަކަކަށް މިއަދު ޤައުމު ބޭނުންވެފައިވާއިރު، ރިނބުދޫފަދަ ހުނަރުވެރިން ގިނަ ރަށަކަށްވެސް އެފަދަ އެތައް ޒުވާނުންނެއް ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ޒަމާނީ ތަޢުލީމް އުނގެނި، އީޖާދީ އުފެއްދުންތެރިކަމަށް ވިސްނުން ހިންގާ، ހުނަރުވެރި ޖީލެއް ބިނާކުރުން. ސާނަވީ އާއި މަތީ ސާނަވީ ތަޢުލީމުން މަތީ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ވަރަށް ގިނަ ޤައުމުތަކުގެ ޔުނިވަރސިޓީތަކުން ކިޔެވޭނެ ފުރުޞަތު ހަމަޖައްސައިދިނީ، މި މުހިންމު މަޤްޞަދު ޙާޞިލްކުރުމުގެ ބޭނުމުގައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިޖަލްސާގައިވަނީ ރިނބުދޫ ސުކޫލަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ޚިދުމަތްތެރިންނަށް ހަނދާނީ އެވޯޑް ދެއްވާފައެވެ. އެފަރާތްތަކަށް އެވޯޑް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީއެވެ.