ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދުއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިނބުދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރަށު ރައްޔިތުންގެ ފަރާތުން ބަނދަރު ސަރަހައްދުން ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށްފަހު، އެމަނިކުފާނު ރިނބުދޫ ސްކޫލަށް ވަޑައިގެންނެވީ ސްކޫލް ދަރިވަރުންނާއެކު ހަތްކޮޅުގައެވެ. އެއަށްފަހު ސުކޫލުގެ އިސްވެރިންނާއި ދަރިވަރުންނާއި ބެލެނިވެރިންވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ރިނބުދޫއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަކީ އެރަށު ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބާއްވާ ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

1970 ވަނަ އަހަރު ތައުލީމްދޭން ފެށި ރިނބުދޫ ސްކޫލްގެ މިވީ ފަންސާސް އަހަރުގެ ތެރޭގައި އެރަށު ސްކޫލުންވަނީ ތަފާތު ކުރިއެރުންތަކެއް ހޯދާފައެވެ.

ޚާއްސަކޮށް ސުނާމީއަށްފަހު ރިނބުދޫގެ ބައެއް ރަށްޔިތުން އެރަށް ދޫކޮށް އެހެން ރަށަކަށް ހިޖުރަކުރުމާއެކު އެކިދާއިރާތަކުން ރަށަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މިވީ އަހަރުތަކުގެ ތެރޭގައި ކުރިމަސައްކަތުން ސްކޫލަށްވެސް މިހާރުވަނީ ކާމިޔާބީތަކެއް ހާސިލުކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރިނބުދޫގައި ޘަޤާފީ ފަތުރުވެރިކަން ކުރިއެރުވުމަށް ރަށު ކައުންސިލުން އިސްނަގައިގެން ހަދަން ފަށާފައިވާ ޘަޤާފީ މަގުވެސް މިއަދު ހުޅުއްވާ ދެއްވާނެއެވެ. މީގެ އިތުރުންވެސް ރަށު ކައުންސިލާއި ރަށުގެ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

އާބާދީގައި މިހާރު 580 މީހުން ދިރިއުޅޭ ރިނބުދޫގައި މިހާރު އެންމެ ބާރަށް ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢަކީ ރަށުގެ ބަނދަރު އަލުން ހެދުމުގެ މަސައްކަތެވެ.