ޚަބަރު

ހިތްޤައިމު ކުރެހުންތައް ހިމެނޭ ރިނބުދޫގެ ޘަޤާފީމަގު ރައީސް ޞާލިހް ހުޅުވައިދެއްވައިިފި


ދ. ރިނބުދޫއަށް ޘަޤާފީ ފަތުރުވެރިކަން ތަޢާރަފްކުރުމަށް ތައްޔާރުކޮށްފައިވާ ވޯލް މިއުރަލްތައް ހިމެނޭ ޘަޤާފީ މަގު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުވައިދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ތަރީޚާއި އާދަކާދަ، ޚާއްސަކޮށް ރިނބުދޫގައި ޒަމާނުއްސުރެ ކުރާ ތިލޭރުކަމުގެ މަސައްކަތް ގޭގޭގެ ފާރުތަކުން ދައްކުވައިދޭ ގޮތަށް ކުރަހާފައިވާ ކުރެހުންތައް ހިމެނޭގޮތަށް އެރަށުގެ އިބްރާހިމީ މަގުގެ އުތުރުކޮޅުގައި ހަދާފައިވާ ސަރަހައްދު ރައީސް ހުޅުވައިދެއްވީ އެރަށަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

ދިވެހިންގެ ފަންނުވެރިކަން ދައްކުވައިދޭ މިކުރެހުންތައް ހިމެނޭ މަގުތަކަކީ ރިނބުދޫގައި ޘަޤާފީ ފަތުރުވެރިކަން ކުރިއެރުވުމަށް ރަށު ކައުންސިލްގެ އިސްނެގުމާއެކު މޯލްޑިވުސް އާޓިސްޓްސް ކޮމިއުނިޓީގެ ފަނުންވެރިންގެ ހުނަރު ފެނިގެންދާ މަގެކެވެ.

ޘަޤާފީ މަގު ހުޅުވައިދިނުމަށް ކުރިއަށްދިޔަ މި ހަރަކާތުގެ ތެރެއިން ރައީސް ޞާލިޙް ވަނީ ރިނބުދޫ ކައުންސިލުން އިސްނަގައިގެން ފަށާ އިޖްތިމާޢީ ބައެއް މަސައްކަތްތަކުގެ ތެރެއިން، މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ "މަރިޔަންމާ" ކެމްޕެއިންގެ އިފްތިތާޙްކޮށްދެއްވާފައެވެ.

ރިނބުދޫގައި މި ފެށި މަރިޔަންމާ ކެމްޕޭނަކީ މާ ބަނޑު އަންހެނުންނާއި ތުއްތުކުދިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މީހުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

މި ކެމްޕެއިންގެ ދަށުން ރިނބުދޫގެ ބައެއް ގެތަކަށްވަނީ ގިފްޓް ހެމްޕަރތައްވެސް ހަދިޔާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރިނބުދޫއަށް މިއަދު މި ފެއްޓެއްވި ދަތުރުފުޅަކީ ރިނބުދޫ ސުކޫލަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބާއްވާ ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.