ޚަބަރު

ސޯޝަލް މީޑިއާ އެކައުންޓްތައް ރަޖިސްޓްރީ ކުރުމަށް ކޯޕަރޭޓް އީމެއިލް ބޭނުން ނުކުރުމަށް އެދިއްޖެ


މުވައްޒަފުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތައް ރަޖިސްޓްރީ ކުރުމަށް ކޯޕަރޭޓް އީމެއިލް އެޑްރެސް ބޭނުން ނުކުރުމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން މިފަދައިން އިލްތިމާސް ކުރައްވާފައިވަނީ، ދައުލަތުގެ ބައެއް އިދާރާތަކުގެ އީމެއިލް އާއި ޕާސްވޯޑް ލީކްވެގެން އުޅޭކަމަށް ދެކެވޭ ވާހަކައާ ގުޅިގެން އެ މިނިސްޓްރީން ނެރުއްވި ބަޔާނުގައެވެ.

ދައުލަތުގެ ބައެއް އިދާރާތަކުގެ އީމެއިލް އާއި ޕާސްވޯޑް ލީކްވެގެން އުޅޭކަމަށް ދެކެވޭ ވާހަކައާ ގުޅިގެން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ބެލިބެލުމުން ފާހަގަ ކުރެވިފައިވަނީ، ލީކްކޮށްފައިވާ އީމެއިލް އެކައުންޓްތަކަކީ ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުން، އެ މުވައްޒަފުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތައް ހެދުމަށްޓަކައި ބޭނުންކޮށްފައިވާ ކޯޕަރޭޓް އީމެއިލް އެކައުންޓްތަކެއް ކަމަށެވެ. ސޯޝަލް މީޑިއާ ޚިދުމަތްތަކުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވާ ފަހަރުތަކުގައި މިފަދަ އެކައުންޓްތަކުގެ އީމެއިލް އަދި ސޯޝަލް މީޑިއާ އެކައުންޓްގައި ބޭނުންކުރި ޕާސްވޯޑް އިންޓަނެޓްގައި ޕަބްލިޝްކުރެވޭކަން އެ މިނިސްޓްރީންވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެ ސަބަބުން ނަހަމަގޮތުގައި އެހެން ފަރާތްތަކަށް މި އެކައުންޓްތައް ބޭނުންކުރުމުގެ ފުރުޞަތު ހުޅުވި ފޫނުބެއްދޭވަރުގެ ގެއްލުންތައްވެސް މެދުވެރިވެގެންދާކަން އެ މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީން ނެރުއްވި ބަޔާނުގައި އެ މިނިސްޓްރީން ވަނީ މި މައްސަލަހައްލުކުރުމަށް އަވަސް ފިޔަވަޅު އެޅުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކޮމްޕްރޮމައިޒް ވެފައިވާ އެކައުންޓްތަކުގެ ޕާސްވޯޑްތައް މިހާރުން މިހާރަށް ބަދަލުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ސްޓާފުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތައް ރަޖިސްޓްރީ ކުރުމަށް ކޯޕަރޭޓް އީމެއިލް އެޑްރެސް ބޭނުންނުކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ހަމަ މިއާއެކު އޮފީސްތަކުގައި ކޮމްޕިއުޓިންގ، އިންޓަރނެޓް، އީ-މެއިލް އަދި މުވާސަލާތީ ވަޞީލަތްތައް ބޭނުންކުރުމުގެ އުސޫލާއި އެއްގޮތައް ރަސްމީ އީމެއިލް އެކައުންޓްތައް ގެންގުޅުމަށް އިދާރާތަކުގެ މުވައްޒަފުންނަށް އެންގުމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ސަރުކާރުގެ މުއައްސަސާތަކަށް ވަނީ އަންގަވާފައެވެ.

މި ބަޔާނުގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ވަނީ އެން.ސީ.އައި.ޓީން ހޯސްޓްކޮށްގެން ނޭޝަނަލް ޑޭޓާ ސެންޓަރުން ބަލަހައްޓަމުންދާ އެއްވެސް ސިސްޓަމެއް ކޮމްޕްރޮމައިޒް ނުވާކަން ފާހަގަކޮށްފައެވެ. ނަމަވެސް، މި ދުވަސްވަރު ދައުލަތުގެ އިދާރާތަކުގެ ސިސްޓަމްތަކަށް ވަރަށް ގިނަ ސައިބަރ އެޓޭކްތައް އަންނަމުންދާއިރު، މިފަދަ ސައިބަރ އެޓޭކްތަކުގެ ސަބަބުން، ސެކިއުރިޓީ ބަލިކަށިކޮށް ފަރުމާކުރެވިފައިވާ ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ ފުރުޞަތު ބޮޑުކަން އެ މިނިސްޓްރީން ފާހަގަކުރެއްވިއެވެ. ވީމާ، އެން.ސީ.އައި.ޓީއާއި ގުޅިގެން އެ އިދާރާއަކުން ބަލަހައްޓަމުންގެންދާ މުހިންމު ސިސްޓަމްތަކުގެ ސެކިއުރިޓީ އެސެސްމަންޓްތައް ހަދައި އިތުރަށް ސެކިއުރިޓީ ވަރުގަދަ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ މިނިސްޓްރީއިން ވަނީ އިލްތިމާސްކުރައްވާފައެވެ.