ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ އިންޑިޔާއަށް ފުރާވަޑައިގެންފިއެވެ.
މި މަހުގެ 18 އިން 23 ހަށް ހޯމް މިނިސްޓަރ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ، އިންޑިޔާގެ ހޯމް މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުންނަވާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ މި ދަތުރުފުޅަކީ، މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އިންޑިއާއާއެކު އޮންނަ ގުޅުން ބަދަހިވެގެން ދިއުމުން ލިބުނު ފުރުސަތެއްކަން ފާހަގަކުރައްވާފައެވެ. ހޯމް މިނިސްޓްރީން ކުރެއްވި ޓުވީޓެއްގައި، އިންޑިއާއަކީ، ޒަމާނުއްސުރެވެސް ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމުގައި މުހިންމު ދައުރެއް އަދާކޮށް ބޮޑެތި އެހީތަކެއް ވެދޭ ޤައުމެއްކަން ފާހަގަކުރައްވަމުން އިންޑިއާއިން ރާއްޖެއާއި ގުޅިގެން އިންޑިއާ ކަނޑުގެ ރައްކާތެރިކަމަށް ކޮށްފައިވާ މަސައްކަތްތަކަށް މިނިސްޓަރ އިމްރާން އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ދިވެހި ފުލުހުން ތަމްރީންކުރުމުގައިވެސް އިންޑިއާއިން އެހީވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ މި ދަތުރުފުޅުގައި އިންޑިޔާގެ އިސްފަރާތްތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ނިންމާފައިވާކަމަށާއި، އެގޮތުން ދިވެހި ފުލުހުންނަށް އިތުރު ތަމްރީން ފުރުސަތުތައް ފަހިކޮށްދިނުމާއި، ދެޤައުމު ގުޅިގެން އިންޑިއާ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
" އިންޑިއާއަކީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމުގައި ގާތް ބައިވެރިއެއް. މި ދަތުރަކީވެސް މިކަމުގެ ހެއްކެތް. މި ދަތުރުގައި އެ ޤައުމުގެ އިސްފަރާތްތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރަން ހަމަޖެހިފައިވާއިރު، ދިވެހި ފުލުހުންނަށް އިތުރު ތަމްރީން ފުރުސަތުތައް ފަހިކޮށްދިނުމާއި، ދެޤައުމު ގުޅިގެން އިންޑިއާ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނަން." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާންގެ މި ދަތުރުފުޅުގައި އެމަނިކުފާނާއެކު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ބައިވެރިވެވަޑައިގަންނަވައެވެ.