ވިޔަފާރި

ހިތަދޫ ބަނދަރަށް އެތެރެކޮށް ނުގެންގޮސް ހުރި ކާރުތައް ނީލަން ކިޔަނީ


ހިތަދޫ ޕޯޓުގައި އެތެރެކޮށްފައިވާ 64 ކާރުގެ ވެރިފާރާތުން އެކާރުތައް ނުގެންގޮސް ހުރުމުން މިއުޅަނދުތަކާ ވެރިފަރާތުން ޙަވާލު ވުމަށް އެޗްޕީއެލްއިން ނޯޓިސް ދީފިއެވެ.

އެޗްޕީއެލްއިން މިކަމާ ގުޅިގެން ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ އެބަނދަރުގައި ގިނަ ދުވަސް ވެފައިވާ މިފަަ އުޅަންދު އެބަހުރި ކަމަށެވެ. އަދި އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ކުރިން މިއުޅަނުތަކާ ޙަވާލު ނުެވެއްޖެނަމަ މިކާރުތައް ނީލުމަގައި ވިއްކާނާލެކަމަށް އެކުންފުނިން ބުނެއެވެ. އެއްވެސް މުއައްސަސާއަކުން ހިފެހެއްޓުމުގެ ސަބަބުން މިފަދަ އުޅަނެެއް އެތެރެ ކުރަން ހުރަސް އެޅިފައިވީނަމަވެސް އެ އުޅަނދެއް ނުވަތަ އެމުދަލަކާ ބެހޭ މަޢުލޫމާތު ހިއްޞާ ކުރުމަށް އެކުންފުނިން އެދެއެވެ.

އެޗްޕީއެލްއިން ވަނީ އެތަނުގައި ހުރި ދުވަސްވީ މިފަދަ ކާރުތައް ނުވަތަ މުދާތަކާބެހޭ ލިސްޓެއް ޢާއްމު ކޮށްފައެވެ. މިލިސްޓުގައި ހިމެނެނީ 2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ދެމެދު އެތެރެކޮށްފައިވާ 64 ކާރެވެ.

އެޗްޕީއެލްއަކީ އެމްޕީއެލްގެ ބެލުމުގެ ދަށުން ހިންގާ ސަރަހައްދީ ކުންފުންޏެކެވެ. އެކުންފުނިން އަމަލު ކުރަމުން ދަނީ މައި ކުންފުނި ކަމަށްވާ އެމްޕީއެލްގެ ޤަވާއިދު ތަކަށެވެ. އެމްޕީއެލްގެ ޤަވާއިދު ބުނާ ގޮތުން ބަނދަރަށް އެތެރެ ކުރެވުނުތާ 30 ދުވަސް ހަމަވެފައިވާ މުދާ 7 ދުވަހުގެ ނޯޓިސް އެއް ދިނުމަށްފަހު ނީލަން ކިޔޭނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހިތަދޫ ޕޯޓުް ލިމިޓެޑްގެ މެނޭޖަރ އިބްރާހިމް ރަޝީދު ވިދާޅުވީ، ކްލިއަރ ނުކޮށް ހުރި އުޅަނދުތައް ކްލިއަރ ކުރުމުގެ ނޯޓިސް ދީފައިވާ ކަމަށެވެ. އަދި ، ނޯޓިސްދީފައިވާ މުއްދަތު ހަމަވުމުން ނީލަމަށް ނަންނޯޓު ކުރުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށެވެ.

އައްޑޫ ހިތަދޫ ޕޯޓަކީ ރާއްޖޭގައިވެސް އެންމެ ގިނައިން ކާރު އެތެރެކުރާ އެއް ބަނދަރެވެ. މިބަނދަރަށް އެތެރެ ކުރެވޭ ހުރިހާ މުދަލަކުން 30 އިންސައްތަ ޑިއުޓީ އުނިކުރެއެވެ. މިއީ ވިޔަފާރިތަކަށް ފަސޭހަކޮށް، އަދި މި ބަނދަރު މެދުވެރިކޮށް މުދާ ބޭލުމަށް މަގުފަހިކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށް އެކުންފުނިން ބުނެއެވެ.