ވިޔަފާރި

ފަތުރުވެރިކަމުގެ އެންމެ ކުރީގައި އަދިވެސް ޔޫރަޕްގެ މާކެޓް


ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ އިސް ސަފުގައި އަދިވެސް އޮތީ ޔޫރަޕްގެ މާކެޓެވެ. މިއީ ފާއިތުވެދިޔަ އަހަރުތަކުގައި ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓެވެ.

އަހަރުން އަހަރަށް ޔޫރަޕްއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވަމުން އަންނައިރު މިދިޔަ މަހު އެކަނި ވެސް ނުވަދިހަ ފަސް ހާހެއްހާ ފަތުރުވެރިން ޔޫރަޕްގެ ޤައުމުތަކުން ރާއްޖެ ޒިޔާރާތްކުރިއެވެ.
**ޕެކޭޖް**

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު މިއަހަރު ޔޫރަޕްގެ ޤައުމުތަކުން ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު ވަނީ %13.4 އިތުރުވެފައެވެ. 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ޔޫރަޕުން 83،528 ފަތުރުވެރިން ރާއްޖެ އައިއިރު މިއަހަރު މިޢަދަދު ވަނީ 94،725 އަށް އިތުރުވެފައެވެ.

ޔޫރަޕްއިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ ޤައުމުތަކުގެ ތެރޭގައި އިޓަލީ، ރަޝިއާ، ޖަރމެނީ އަދި ފްރާންސް ހިމެނެއެވެ. މީގެ ތެރެއިން އިޓަލީއަކީ މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރި ޤައުމެވެ.

ޖެނުއަރީ މަހު އިޓަލީއިން ރާއްޖެއަށް 20،766 ފަތުރުވެރިން ޒިޔާރާތްކުރި އިރު މިއީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ޒިޔާރާތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު %23.8 އިތުރު ޢަދަދެކެވެ.

އިޓަލީގެ އިތުރުން ޔޫރަޕުން ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. ރަޝިއާއިން މިދިޔަ މަހު 12،531 ފަތުރުވެރިން ޒިޔާރާތްކުރިއިރު މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު %29.6 އިތުރު ޢަދަދެކެވެ.

ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައިން ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރޭގައި ޔޫރަޕްގެ ހަތަރު ޤައުމު ހިމެނެއެވެ. އެއީ އިޓަލީ އަދި ރަޝިއާގެ އިތުރުން ޖަރމެނީ އަދި ފްރާންސެވެ.

ޔޫރަޕަކީ ރާއްޖެއަށް އާންމުކޮށްވެސް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ ސަރަޙައްދެވެ.

ޔޫރަޕްގެ އިތުރުން ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ އެއް ސަރަޙައްދަކީ އޭޝިއާ ޕެސިފިކް ސަރަޙައްދެކެވެ.

މިދިޔަ މަހު މި ސަރަޙައްދުން ރާއްޖެއަށް 61،688 ފަތުރުވެރިން ޒިޔާރާތްކުރިއެވެ.
މީގެ ތެރެއިން 31،744 ފަތުރުވެރިންނާއެކު މިދިޔަ މަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔަރާތްކުރީ ޗައިނާއިންނެވެ.

އަދި 13،845 ފަތުރުވެރިންނާއެކު މިދިޔަ މަހު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ އިންޑިއާއިންނެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީން ދަނީ އެކި އެކި މާކެޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކޮށް ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ޔޫރަޕްގެ މާކެޓް އިޝްތިހާރުކުރުމަށްޓަކައި އެމްއެމްޕީއާރްސީން ދަނީ އަންނަ މަހު ޖަރުމަނުވިލާތުގެ ބާރލިންގައި އޮންނަ އައިޓީބީ ފެއަރގައި ރާއްޖެ އިޝްތިހާރުކުރުމަށް ތައްޔާރުވަމުންނެވެ.