ޚަބަރު

ޢައިރުހާޒިރުގައި ކޮށްފައިވާ ހުކުމްތަކުގެ މައްސަލައަށް ޙައްލެއް ހޯދަންޖެހޭ - އޭޖީ


ޣައިރު ޙާޒިރުގައި ކޮށްފައިވާ ޙުކުމްތައް ދައުލަތުގެ އެންމެމަތީ ކޯޓަށް ހުށަހަޅައިގެންވެސް ޙައްލެއް ހޯދަން ޖެހޭކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ޖަލުބަންދުގައި ތިބި ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސިޓީތައް ދިރާސާކުރުމަށް އެކުލަވާލި ސަބްކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު ވިދާޅުވީ ޤާނޫނު އަސާސީގައި ވަކިގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ ކަމެއް އެއާ ޚިލާފަށް ކުރުމުން އެކަމެއް ރަނގަޅުކަމެއްކަމަށް ބުނެވޭނެ އެއްވެސް ހަމައެއް ނޯންނާނެކަމަށެވެ.

ޤާނޫނު އަސާސީގެ 51ވަނަ މާއްދާގައި، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލާފައިވާ ކޮންމެ މީހަކަށްމެ އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން، އެމީހަކަށް ރަނގަޅަށް ދޭހަވާނޭ ބަހަކުން، ލަސްނުކޮށް އަންގަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އޭޖީ ވިދާޅުވީ ޤާނޫނު އަސާސީގައި ސާފުބަހުން މިކަން ކުރަންވީ ގޮތް ލިޔެފައިވާއިރު، ކުށެއްގެ ތުހުމަތުކުރެވޭ މީހާއަށް އޭނާކުރީ ކޮންކުށެއްކަންވެސް ނޭގި ހުކުމް ކުރުމަކީ ޤާނޫނު އަސާސީއާއި ޚިލާފްކަމެއްކަމަށެވެ.

ޢައިރު ހާޒިރުގައި ޙުކުމްކޮށް، ގިނަ ޢަދަދެއްގެ ބަޔަކު މިހާރުވެސް ހުކުމްތަންފީޒު ކުރަމުންދާއިރު، މިހުކުމްތައް އަލުން ރިވިއުކޮށްގެން ދައުލަތުގެ އެންމެ މަތީކޯޓަށް ހުށަހަޅައިގެންވެސް މިމައްސަލަތަކަށް ހައްލެއް ލިބެންޖެހޭކަމަށް އޭޖީ ވިދާޅުވިއެވެ.

"ރާއްޖޭގައި އޮތް ޘަގާފަތެއްގެ ތެރެއިން ޢައިރުހާޒިރުގައި މިވަނީ ހުކުމްތަކެއް ކުރެވިފަ. އަޅުގަނޑުމެން ބަލަންޖެހޭ މިފަދަ ކަންކަން ކުރާއިރު ޤާނޫނު އަސާސީއާއި، ބައިނަލް އަގުވަމީ މިންގަނޑުތައް މިކަންކަމުގައި އޮތްގޮތް. އެކަންކަމާއި ދިމާ އިދިކޮޅަށް ނިންމާފައިވާނިންމުންތަކަކީ ގޯސް ނިންމުންތަކެއް. މިކަން ހައްލުކުރުމަށް އަވަސްފިޔަވަޅުތަކެއް އަޅަންޖެހޭ" އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވިއެވެ.

ޣައިރު ޙާޒިރުގައި ކޮށްފައިވާ ހުކުމްތައް އަލުން ރިވިއުކޮށް އެމައްސަލަތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތް ދައުލަތުން ކުރަމުންދާއިރު މިހާރުވެސް ޣައިރު ހާޒިރުގައި ހުކުމް ތަންފީޒު ކުރަމުންދާ 135 މީހަކު އެބަތިއްބެވެ.