ޚަބަރު

އިންޑިއާގެ ކަރަންޓީން ކުރި 7 ދިވެހިން މާލެއައުމަށް ދަތުރުފަށައިފި


ކޯވިޑް19 އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ސިޓީން ނެރެގެން ގެނެސް އިންޑިޔާގައި ކަރަންޓީންކުރި 7 ދިވެހިން ކަރަންޓީންގެ މުއްދަތު ހަމަވުމާއި ގުޅިގެން އެމީހުން މާލެ އައުމަށް ދަތުރުފަށައިފިއެވެ.

މި މީހުން އިންޑިޔާގެ ކަރަންޓީން ފެސިލިޓީގައި ތިބި 14 ދުވަހުގެ ތެރޭގައި ވައިރަސްގެ އެއްވެސް އަލާމާތެއް އެމީހުންގެ ކިބައިން ފެނިފައެއް ނުވެއެވެ.

ކަރަންޓީނުގެ މުއްދަތު ހަމަވުމުން އެ މީހުން ކަރަންޓީން އިން ދޫކޮށްލާފައި ވަނީ، ރޭ އިންޑިއާ ގަޑިން މެންދަމު 12:00 ޖެހިއިރުގައެވެ. އެމީހުން ރާއްޖެއައުމަށް ރޭ ފަތިހު ދަތުރު ފަށާފައި ވާއިރު މާލެ އާދެވޭނެކަމަށް ލަފާކުރެވެނީ މިއަދު ހެނދުނު 10 ޖަހާއިރުގައެވެ.

ރޭ ފަތިހު މާލެ އައުމަށް 7 ދިވެހިން ދަތުރު ފަށާފައިވާއިރު އިންޑިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ވަނީ ކަރަންތީންގެ މުއްދަތުގެ ތެރޭގައި އިންޑިއާގެ ފަރާތުން ދިވެހިންނަށް ވެދެއްވި އެހީތެރިކަމާއި ދެއްވި އެއްބާރުލުން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.

ކަރަންޓީން މުއްދަތުގެ ތެރޭގައި ވައިރަހުގެ އެއްވެސް އަލާމާތެއް މިމީހުންގެ ގައިން ފެނިފައި ނުވާތީ އެމީހުން ރާއްޖެ އައިސް އާއިލާތަކާއެކު އުޅުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.

އިންޑިޔާގެ ކަރަންޓީން ފެސިލިޓީގައި ތިބި މިހަތް ދިވެހިން ދޫކޮށްލުމުން، މިއަދު އެމީހުން ރާއްޖެ ގެނެވޭނެ ކަމުގައި ޚާރިޖިއްޔާއިން ވަނީ ވިދާޅުވެފައެވެ.

ވުހާން އިން އިންޑިއާއަށް ގެންދިޔަ 7 ދިވެހިންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނަކާއި ފިރިހެންނެއްގެ އިތުރުން ކުޑަ ކުއްޖެކެވެ. މި 7 ދިވެިން ވޫހާންއިން ނެރެގެން އިންޑިއާއަށް ގެންދިޔައީ މިމަހުގެ 2 ވަނަދުވަހުއެވެ. މި އެންމެންވެސް އިންޑިއާއަށް ގެންގޮސްފައިވަނީ ވޫހާންގެ ތިބި އިންޑިއާ ރައްޔިތުން އެ ސިޓީ ނެރުމަށް އިންޑިއާ ސަރުކާރުން ހަމަޖެއްސި ޚާއްސަ ފްލައިޓެއްގައެވެ.

މި ފްލައިޓްގައި 7 ދިވެހިންނާއެކު އިންޑިއާގެ 323 މީހުން ދަތުރުކުރިއެވެ. ޗައިނާއިން ގެނައި އިންޑިއާގެ ރައްޔިތުންނާއެކު 7 ދިވެހިން ތިބީ އިންޑިއާގެ ދިއްލީގެ މަނޭސާރުގައި ގާއިމުކޮށްފައިވާ ޚާއްސަ ކަރަންޓީން ފެސިލިޓީއެއްގައެވެ. ޗައިނާގެ ވުހާންއިން ދިވެހިން ނެރުމަށް އިންޑިއާއިނ ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ ދިވެހި ސަރުކާރުންވަނީ އިންޑިއާއާއި ޗައިނާ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

ޗައިނާގައި ޖުމްލަ 50 ދިވެއްސަކު ދިރިއުޅެމުންދިޔަ ނަމަވެސް ސަރުކާރުގައި އެހީގައި ރާއްޖެ އަންނަން ބޭނުންވީ އޭގެތެރެއިން 7 މީހެކެވެ، މި 7 މީހުންނަކީ ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ވުހާން ސިޓީގައި ދިރިއުޅެމުން ދިޔަ 9 ދިވެހިންގެ ތެރޭގައި ހިމެނޭ ބައެކެވެ. ސަރުކާރުންވަނީ ޗައިނާގެ ވުހާން ސިޓީގައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.