ޚަބަރު

މޭޔަރުކަމަށް ވާދަކުރެއްވުމަށް އަލްހާނާއި އަނަސް ފޯމު ހުށައަޅުއްވައިފި


ވެރިކަންކުރާ މައި ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ނުކުންނަވާ އަނަސް އަބްދުއްސަތާރު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައަޅުއްވައިފިއެވެ.

އެމްޑީޕީގެ ކުރީގެ ސެކެރެޓަރީ ޖެނެރަލްގެ އަނަސް މާލޭ ސިޓީގެ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓް ހޯއްދަވާފައިވަނީ މިހާރު މޭޔަރު ސިފާ މުހައްމަދުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ސިފާގެ އިތުރުން މާލޭ ސިޓީގެ ކުރީގެ މޭޔަރ ސަރަނގު އާދަމް މަނިކާއި މާލެ ސިޓީގެ މިހާރުގެ ޑެޕިއުޓީ މޭޔަރާއި ވާދަކުރައްވާ އަނަސް ޓިކެޓް ކާމިޔާބުކުރެއްވީ 1025 ވޯޓުންނެވެ.

އަނަސްގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ދެން ހުރި ގޮނޑިތަކަށް އެމްޑީޕީން ވާދަކުރައްވާ ފަރާތްތަކުންވެސް މިއަދު ވަނީ އިލެކްޝަންސް އަށް ފޯމު ހުށައަޅުއްވާފައެވެ. މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބުގައި މޭޔަރާއި އެކު މާލޭ ސިޓީއަށް 19 ކައުންސިލަރުން އިންތިޚާބުކުރާނެއެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް އަނަސް އާއި ވާދަކުރާނެކަން އިދިކޮޅު ޕީޕީއެމުންވެސް ވަނީ އިއުލާންކޮށްފައެވެ. ޕީޕީއެމުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން އިއުލާންކޮށްފައިވަނީ ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުއެވެ. މި ދެ ބޭފުޅުންގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީވެސް މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ވަނީ ހުށައަޅުއްވާފައެވެ. އަލްހާން އިންތިޚާބުގައި ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.