ޚަބަރު

އެމްއޭސީއެލްގެ ބޯޑުގެ ބައެއް މެންބަރުންނާއި ޓީއެމްއޭއާއި ވިޔަފާރީގެ ގުޅުން އޮވޭ - އޭސީސީ ރިޕޯޓް


އެމް.އޭ.ސީ.އެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިއްބެވި ބައެއް މެމްބަރުންނާއި މިހާރު ތިބި ބައެއް މެމްބަރުންނާއި، ޓީ.އެމް.އޭއާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްގެ މެދުގައި ޢާއިލީ އަދި ވިޔަފާރީގެ ގުޅުންތަން އޮންނަކަމަށް އއު ސީޕްލޭން ޓާމިނަލް މައްސަލާގައި އެސީސީން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ އައު ސީޕްލޭން ޓާމިނަލާއި ގުޅޭގޮތުން އޭސީސީން އެކުލަވާލާ ރައްޔިތިތުން މަޖިލީހަށް ފޮނުވި ރިޕޯޓް މަޖިލީހުން މިރޭ ވަނީ އާއްމުކޮށްފައެވެ.

އޭސީސީގެ ރިޕޯޓްގައި ވަނީ 28 ނޮވެންބަރު 2017 ގައި ބޭއްވި އެމްއޭސީއެލް ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުން ސީ ޕްލޭން އޮޕަރޭޓަރުންނަށް އައު ސީ ޕްލޭން ޓަރމިނަލުން ޖާގަ 10.35 ޑޮލަރުގެ ރޭޓުގައި ކުއްޔަށް ދޫކުރުމަށް މަޝްވަރާކުރިއިރު އެމް.އޭ.ސީ.އެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބި ބައެއް ފަރާތްތަކާއި، އެމް.އޭ.ސީ.އެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ބައެއް ފަރާތްތަކާއި، ޓީ.އެމް.އޭއާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްގެ މެދުގައި ޢާއިލީ އަދި ވިޔަފާރީގެ ގުޅުން އޮތްކަން ފާހަގަކުރެވޭތީ، އެމް.އޭ.ސީ.އެލްގެ ބޯޑުގެ ކުރީގެ އަދި މިހާރުގެ ބައެއް ފަރާތްތަކުގެ މަސްލަހަތު އެކުންފުނިތަކުގައި އޮންނަކަން އެނގޭކަމަށެވެ. އަދި އެ ފަރާތްތަކުގެ މަސްލަހަތު އޮންނަ މިފަދަ ކުންފުނިތަކާއި އެމް.އޭ.ސީ.އެލްއާ ދެމެދު ވެވޭ އެންމެހައި އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ނިންމާއިރު، އެ ފަރާތްތަކުގެ މަސްލަހަތު ފުށުއަރާއަކަން ފާހަގަކުރެވޭތީ، މި މައްސަލައިގެ ތަޙްޤީޤުގައި އެމް.އޭ.ސީ.އެލްއިން، ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް، ނުވަތަ ސީ ޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް އެސީސީގެ ރިޕޯޓްގައިވެއެވެ.

އައު ސީ ޕްލޭން ޓަރމިނަލް އޮޕަރޭޓްކުރާނެ މޮޑަލްއެއް އެމް.އޭ.ސީ.އެލްއިން މިހާތަނަށް ތައްޔާރުކޮށްފައި ނުވަނީ، އެމް.އޭ.ސީ.އެލް އިން އައު ސީ ޕްލޭން ހިންގަން ދުރާލާ ތައްޔާރުވެގެން މުވައްޒަފުން ނަގައި، ތަމްރީންކޮށްފައި ނުވާތީކަން ފާހަގަކުރެވޭތީ، އައު ސީ ޕްލޭން ޓަރމިނަލް އެމް.އޭ.ސީ.އެލް އިން ހިންގުމުގެ ވިސްނުން އެކުންފުނިން ގެންގުޅެފައި ނުވާކަމާއި، އެމް.އޭ.ސީ.އެލް އިން އެންމެ ކުރީއްސުރެ ވިސްނުން ގެންގުޅެފައިވަނީ ސީ ޕްލޭން އޮޕަރޭޓަރުންނަށް އައު ސީ ޕްލޭން ޓަރމިނަލް ހިންގަން ޙަވާލުކުރަންކަމަށް ބެލެވޭކަމަށްވެސް އެސީސީގެ ރިޕޯޓްގައިވެއެވެ.

އެމް.އޭ.ސީ.އެލްގެ ސިޓީގައި، އައު ސީ ޕްލޭން ޓަރމިނަލް ހިންގުމުގެ މަސައްކަތް އެމް.އޭ.ސީ.އެލްގެ ދަށަށް ގެނައުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް 03އަހަރު ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވީނަމަވެސް، އެމް.އޭ.ސީ.އެލް ފަދަ ތަޖުރިބާކާރު އަދި ބޮޑު ކުންފުންޏަކަށް އެފަދަ ތައްޔާރީތައް އެއަށްވުރެ ކުރު މުއްދަތެއްގައި ވެވިދާނެކަމަށް ބެލެވޭކަންވެސް އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. 03 އަހަރު ދުވަހުގެ މުއްދަތެއް ހުށަހަޅާފައި އެވަނީ އައު ސީ ޕްލޭން ޓަރމިނަލުން ސީ ޕްލޭން އޮފަރޭޓަރުންނަށް ބޮޑެތި ޖާގަތައް އަކަމީޓަރެއް 10.35 ޑޮލަރުގެ ރޭޓުގައި ކުޑަ ރޭޓުގައި ވީހާވެސް ގިނަ ދުވަހަށް ދިނުމުގެ ބޭނުމުގައި ކަމަށް ތުހުމަތުކުރެވޭކަމަށެވެ.

އެމް.އޭ.ސީ.އެލްއިން އިމާރާތްކުރާ އައު ސީ ޕްލޭން ޓަރމިނަލްއިން ޖާގަ ކުއްޔަށް ދޫކުރުމަށް އެމް.އޭ.ސީ.އެލްއިން އެއްބަސްވުމެއް ޑްރާފްޓްކޮށް، ޓީ.އެމް.އޭ އާ ޙިއްޞާކޮށް، އެ ޑްރާފްޓް ފައިނަލްކޮށްފައިވާކަމާއި، އަދި އެ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅޭގޮތުން ދެފަރާތުން ފޯނުން ގުޅައިގެން މުޢާމަލާތްކޮށްފައިވާކަން، އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނާއި ޓީ.އެމް.އޭގެ ފަރާތްތަކާ ދެމެދު އީ-މެއިލް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވާ މުޢާމަލާތްތަކުން އެނގޭތީއާއި، އެފަދަ އެއްބަސްވުމެއް ޑްރާފްޓްކޮށްފައިވަނީ ހަމައެކަނި ޓީ.އެމް.އޭއާއެކު ކަމުގައިވާތީ، މިކަމަކީ އެމް.އޭ.ސީ.އެލްއިން ޢިމާރާތްކުރާ އައު ސީ ޕްލޭން ޓަރމިނަލްގެ ބޮޑުބައެއް ޓީ.އެމް.އޭއަށް ނުއަގުގައި ކުއްޔަށްދީ، ޓީ.އެމް.އޭއަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާކަމެއްކަމަށް ތުހުމަތު ކުރެވޭކަމަށްވެސް އޭސީސީގެ ރިޕޯޓްގައިވެއެވެ.