ޚަބަރު

ކްރިމިނަލް ކޯޓްގައި، 5 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތައް އެބަހުރި


ކްރިމިނަލްކޯޓުގައި ނުނިމި އެތައް އަހަރެއްވެފައިވާ މައްސަލަތައް ނިންމުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލައި އެކޯޓަށް ހުށައަޅާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި ޝަރީއަތް ނުނިމި 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 55 އަށްވުރެ ގިނަ މައްސަލަ މިހާރުވެސް އެބަހުރިކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވިއެވެ.

ކޯޓްތަކުގައި ގިނަ އަހަރުތަކެއް ވަންދެން ނުނިމި މައްސަލަތައް ލަސްވާ މައްސަލާގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ މައްސަލަތައް ދިގުލައިގެން ދިއުމަކީ ޖަލުތަކުގައި ގިނަ އަދަދަކަށް މީހުން ބަންދުގައި ތިބެންޖެހޭ ސަބަބުކަމަށެވެ. މިކަން ހައްލުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ޕީޖީ ވިދާޅުވިއެވެ.

ކޯޓްތަކުގައި ނުނިމިހުރި މައްސަތަކުގެ ތެރެއިން ކްރިމިނަލް ކޯޓްގައި ހުރި މައްސަލަތަކާއި އެމައްސަލަތަކަށް ހައްލުގެނައުމަށް ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީޖީ ވިދާޅުވީ ޝަރީއަތް ނުނިމި 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 55 އަށްވުރެ ގިނަ މައްސަލަ ކްރިމިނަލްކޯޓްގައި އެބައޮތްކަމަށެވެ. އެމައްސަލަތަކަށް ބަލައިލުން އޭގެ ތެރެއިން 20 މައްސަލައަކީ މިހާރުވެސް ކުރިއަށް ނުގެންގޮސް ނިންމާލެވޭ ހިސާބުތައި ހުރި މައްސަލަތަކެއްކަމަށް ޕީޖީ ވިދާޅުވިއެވެ.

" ކްރިމިނަލް ކޯޓުގައި ޝަރީއަތް ނުނިމި 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 55 އަށްވުރެ ގިނަ މައްސަލަ މިހާރުވެސް އެބައޮތް. އޭގެތެރެއިން 20 މައްސަލަޔަކީ ކުރިއަށް ނުގެން ގޮސްވެސް ނިންމާލެވޭ ހިސާބުގައި އޮތް މައްސަލަތަކެއް." ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ މިހާދުވަސް ވަންދެން މައްސަލަތައް ތާވަލްނުކޮށް އޮތުމަށްފަހު އޭގެ އެތައް އަހަރެއްފަހުން މައްސަކަތައް ތާވަލްކުރުމުން މައްސަލާގައި ޝާމިލްވާ މީހާއަށާއި އޭނާގެ މުޅި ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުކުރާކަމަށެވެ.

"މީހެއްގެ ޝަރީއަތް 7 އަހަރަށްފަހު ބަލަން ފެށުމުން ވާނެގޮތް ނިކަން ވިސްނަވާ. އެމީހާގެ މުޅި ދިރިއުޅުމަށްނޫންތޯ އެކަމުން އަސަރުކުރާނީ. އަނެއްކާ މި ކުށަކީ ބޮޑުކުށެއްގައި ޝާމިލުވާމީހެއްވެސްނޫން. މިހާރު އޭނާ މީހަކާއި އިދެ ދަރިންވެސްވެސް ތިބޭ. މިހެން މިކަން ކުރުމުން މާދަމާވެސް އޭނާއާއި، އޭނާގެ އާއިލާއަށް ވާނެގޮތަކާއިމެދު ވިސްނަންޖެހޭ." ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓްގައިހުރި މައްސަލަތައް އަވަސްކޮށް މައްސަލަތައް ނިންމުމަށް މަސައްކަތް ކުރާނެ ޕްލެނެތް މިހާރު އެކުލަވާލަމުންދާކަމަށް ޕީޖީ ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް އެކޯޓްގައި 3 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 300 އަށްވުރެ ގިނަ މައްސަލަ ފުނިޖެހިފައިވާކަމަށ މިމައްސަލަތައް އަވަސްކުރުމަށް 9 ފަނޑިޔާރުންނަށް ޚާއްސަ ތާވަލެއްގެ ދަށުން މަސައްކަތް ކުރެވިއްޖެނަމަ މިމައްސަލަތައް 2 މަސް ދުވަހުގެ ތެރޭގައި ނިންމޭނެކަމަށް ޕީޖީ ވިދާޅުވިއެވެ.

"މިހާރު ހުރި 300 މައްސަލަ ނިންމަން އަޅުގަނޑުމެން ވާނެ ޚާއްސަ ޕްލެނެތް ހިއްސާކޮށްފަ. އޭގައިވާގޮތުން 4 ދުވަސްތެރޭގައި ޝަރީއަތްކޮށް ނިންމެންވާނެ. ކޮންމެ ދުވަހަކުވެސް ހެދުނު 8 އިން ހަވީރު 4 އަކަށް މައްސަލަތައް ބަލައި 9 ފަނޑިޔާރުން މިކަންކުރައްވައިފިނަމަ މިއީ 2 މަސް ދުވަހުން ނިންމޭނެ މަސައްކަތް." ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ކްރިމިނަލްކޯޓްގައި ހުރި މައްސަލަތައް:

  • * ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 77 މައްސަލައެއް
  • * 3 އަހަރަށް ވުރެ ގިނަ ދުވަސްވެފައި އޮތް 228 މައްސަލައެއް
  • * 2018ވަނަ އަހަރު ނިމުނުއިރު އެކޯޓުގައި ނުނިމި 2022 މައްސަލައެއް
  • * މިދިޔަ އަހަރު އެ ކޯޓުން ނިންމާފައިވަނީ 1339 މައްސަލަ
  • * ކްރިމިނަލް ކޯޓުގައި މި ވަގުތު 9 ޤާޟީން ތިއްބަވާ

ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިހުރި މައްސަލަތައް މިއަހަރުގެ ތެރޭގައި މުޅިން ނިންމުމަށް މިހާރު މަސައްކަތް ފަށާފައިވާކަަމަށް އެކޯޓުން ވަނީ ވިދާޅުވެފައެވެ.