ޚަބަރު

3000 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއެއް އަންނަ މަހު ފަށާނަން - ރައީސް


ކުރިއަށްއޮތް މާޗު މަހުގެ ތެރޭގައި 3000 ހައުސިންގ ޔުނިޓްގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލެ މަގުތައް ހެދުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މާލޭގެ މަގުތައް ޒަމަނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށްފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރައްވަމުންދާ މަސައްކަތެއްކަމަށެވެ.

އެގޮތުން އިންތިޚާބުތަކުގެ ކެމްޕެއިންތަކުގައި 4000 ހައުސިންގ ޔުނިޓް އަޅުއްވާނެކަމަށް ދެންނެވިފައިވީ ނަމަވެސް، ސަރުކާރުން ކަމާއިގުޅޭ ފަރާތްތަކާއިއެކު ކުރި ދިރާސާތަކުން އެ އަދަދަށްވުރެ މާގިނައިން މާލޭގާއި ބޯހިޔާވަހިކަން ބޭނުންވާ މީހުން ތިބިކަން ފާހަގަވެފައިވާކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށްއޮތް މަހު ހައުސިންގގެ ބޮޑު މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަމަށެވެ.

"ކުރިއަށް އޮތް މަސްތެރޭގައި 1700 ހައުސިންގ ޔުނިޓް، އަދި 1300ހައުސިންގ ޔުނިޓްގެ މަޝްރޫއުއެއްގެ މަސައްކަތް ފަށާނަން. އަދި އިތުރު 4000ހައުސިންގް ޔުނިތްގެ މަޝްރޫޢުއެއް މިއަހަރު ފަށާނަން." ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުތަކާއިއެކު މުޅި މިއަހަރު 7000ހައުސިންގ ޔުނިޓްގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެއެވެ.

މީގެއިތުރުން ރައީސްވަނި ހިޔާ މަޝްރޫއާއި އަދި ވެށިފަހި މާލެ ޕްރޮގްރާމްގެ ތެރެއިން ގޯތި ލިބުނު މީހުންނަށްވެސް ވަރަށް އަވަހަށް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން މިހާރުވެސް ދަނީ ހިޔާ މަޝްރޫޢުގެ 7000 ހައުސިންގ ޔުނިޓް ލިބުނު މީހުންގެ ޙައްޤުވެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ފްލެޓް ލިބުނީ ލިބުން ޙައްގު މީހުންނަށްކަން ކަށަވަރުކުރުމަށް، ފޯމް ހުށައެޅި ފަރާތްތަކުގެ ގެތަކަށްވެސް ދަނީ ފްލެޓް ކޮމިޓީގެ ޓީމްތަކުން ޒިޔާރަތްކުރަމުންނެވެ.