ޚަބަރު

މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނާބެހޭ މަޢުލޫމާތު ހދ ކުޅުދުއްފުށީގައި ދީފި


މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ބާއްވައިފިއެވެ.

އިންފޮމޭޝަން ކޮމިޝަރނަރގެ އޮފީހުން ކުޅުދުއްފުށީ ނޮދާން އޮފީސް ކޮމްޕްލެސްގައި ފެށި މިޕްރޮގްރާމްގައި ކުޅުދުއްފުށީގައި ހުރި އެކި މުއައްސަސާތަކުން 54 މީހުން ބައިވެރިވެފައިވެއެވެ. އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ މުހިންމުކަމާއި އެޤާނޫނުގެ ތެރޭން މައުލޫމާތު ހޯދުމަށް ލިބިދޭ ހައްޤުތަކާއި ބެހޭމައުލޫމާތު ފޯރުކޮއްދީފައިވެއެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ދައުރާއި އެއޮފީހުން ހިދުމަތް ހޯދާނެގޮތްތަކަކީ ކޮބައިކަންވެސް ބައިވެރިންނަށް ކިޔާދިނެވެ. މީގެއިތުރުން އިދާރާތަކަުން މައުލޫމާތު ހޯދަން އެދުމުން އަމަލުކުރަންޖެހޭނެ ގޮތްތައް ވެސް ކިޔާދެއްވިއެވެ.

މިބައްދަލްވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ދާއޫދެވެ. ޝަރަފްވެރި މެހުމާނު ދެއްކެވި ވާހަކައިގައި މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނަކީ މުހިންމު ގާނޫނެއްކަން ފާހަގަކުރެއްވިއެވެ، އަދި ރާއްޖެއަކީ ކޮރޮޕްޝަން ނެތް ގައުމަކަށް ހެދުމަށް މީޑީއާތަކުން ޞައްޙަ މައުލޫމާތު ފޯރުކޮށް ދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާ ލެއްވިއެވެ.

މި ބައްދަލްވުމުގައި ބައިވެރިންނަށް މައުލޫމާތު ދެއްވީ އިންފޮމޭޝަން ކޮމިޝަނަރ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ޝިޔާމްއެވެ.