ބައެއް ވިޔަފާރިތަކުން މިނިސްޓްރީގެ ޚިދުމަތްތަކަށް އެދި ހުށަހަޅާއިރު ޓެކްސް ކްލިއަރެންސް ފޯމް ހުށަހަޅަން ނުޖެހޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އަމިއްލަ ފަރުދުންގެ ވިޔަފާރި ބާތިލުކުރުމާއި ކުންފުނި ނުވަތަ ޕާޓްނަޝިޕް ނުވަތަ ކޯޕަރޭޓް ސޮސައިޓީ އުވާލުމަށް ހުށަހެޅުމާއި ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ރަޖިސްޓްރީކުރުމާއި ބާތިލްކުރުމަށް އެދި ހުށަހެޅުމުގައި މީގެ ފަހުން މޯލްޑިވްސް އިންލެންޑް އޮތޯރިޓިން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓް ހުށަހަޅަން ނުޖެނޭކަމަށެވެ.
ވިޔަފާރިތަކަށް ލުއި ހޯދައިދިނުމަށްޓަކައި ސަރުކާރުން ދަނީ ވިޔަފާރިއާއި ގުޅޭ ބައެއް ޤާނޫނާއި ޤަވައިދުތަކަށް ބަދަލު ގެންނަމުންނެވެ.
އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ރައީސުލްޖުމްހޫރިއްޔާވަނީ ވިޔަފާރިތައް ރަޖިސްޓްރީކުރުމުގެ ބިލު ތަސްދީޤުކުރައްވާފައެވެ. މިބިލު މިހާރު ޤާނޫނަކަށްވުމާއެކު މިހާރު ރާއްޖޭގައި ހިންގާ ހުރިހާ ވިޔަފާރިތައް ރަޖިސްޓްރީ ކުރަންޖެހެއެވެ. މީގެ ތެރޭގައި އޮންލައިންކޮށް ހިންގާ ފިހާރަތަކާއި އޮފިސްތައް ހިމެނެއެވެ.
މީގެ އިތުރުން ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރާނަމަ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގެ ދަށުން ހުއްދަ ހޯދަންޖެހޭކަމަށް ވެސް މިޤާނޫނުގައިވެއެވެ.