ޚަބަރު

ޑިފެންސް މިނިސްޓްރީގެ އައު ވެބްސައިޓް އިފްތިތާހްކޮށްފި


ޑިފެންސް މިނިސްޓްރީގެ އައު ވެބްސައިޓް އިފްތިތާހްކޮށްފިއެވެ.
ކޮމާންޑާސް ކޮންފަރެންސް 2020 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން މި އައު ވެބްސައިޓް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ޑިފެންސް މިނިސްޓްރީގެ އައު ވެބްސައިޓަކީ ސަރުކާރުގެ ރަސްމީ ޑޮމެއިން، "ގަވް ޑޮޓް އެމްވީ"އަށް ޑޮމެއިން ބަދަލުކުރުމަށްފަހު ރިލޯންޗްކުރި ވެބްސައިޓެވެ. މިހާތަނަށް އައިއިރު މިހާރު މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއާއި، މިނިސްޓްރީ އޮފް ފިޝަރީޒް މެރިންް ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ފޮރިން މިނިސްޓްރީގެ ވެބްސައިޓްވެސް މި ޑޮމެއިންގެ ދަށުން ވަނީ ހިންގަން ފަށާފައެވެ.

"ގަވް ޑޮޓް އެމްވީ އަކީ އިނގިރޭސިވިލާތުގެ ސަރުކާރުގެ ޑޮމެއިން "ގަވް ޑޮޓް ޔޫކޭ" ބެންޗް މާކްއަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ޑޮމެއިންއެކެވެ. ސަރުކާރުގެ ރަސްމީ ޑޮމެއިން، "ގަވް ޑޮޓް އެމްވީ"އަށް ސަރުކާރުގެ ހުރިހާ ވުޒާރާތަކެއްގެ ވެބްސައިޓް ބަދަލުކުރުމުން ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން މަޢުލޫމާތުދެއެވެ. އެގޮތުން މި އައު ވެބްސައިޓްތަކަކީ ބޭނުންކުރާ ފަރާތްތަކާއި ރައްޓެހި ގޮތަކަށް އެއް ފޯމެޓަކަށް، ފަރުމާކޮށްފައިވާ ވެބްސައިޓްތަކެކެވެ. އެގޮތުން އޮންލައިން އެޕްލިކޭޝަން ހުށަހެޅުމާއި، އެއް ވެބްސައިޓާއި އަނެއް ވެބްސައިޓް ފަސޭހަ ނިޒާމަކުން ގުޅާލާ ފަސޭހަ ސަރޗް އިންޖީނެއް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.