ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތުގައި މިފަހަރު ސްޕެއިންގެ ނޫސްވެރިން


ރާއްޖޭގެ ފަތުރުވެރިކަން ސްޕެއިންގައި އިޝްތިހާރުކުރުމަށް އެޤައުމުގެ ތަޖުރިބާކާރު ނޫސްވެރިންތަކެއް ރާއްޖެ އަތުވެއްޖެއެވެ.

މިއީ އެމްއެމްޕީއާރްސީން ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ޙަރަކާތްތަކުގެ ތެރެއިން ޙަރަކާތެކެވެ.

ރާއްޖެ ޒިޔާރަތްކުރި ނުސްވެރިންގެ ޓީމުގައި ސްޕެއިންގެ މަޝްހޫރު ޓްރެވަލް އަދި މައިސް ލިޔުންތައް ޝާޢިރު ކުރާ ނޫސްތައް ކަމަށްވާ، ދެވިއަހެސް، މީޓް އިން އެލް ޕެރިއޮދިކޯ، ސިންކޯ ވިއަހް، އަދި ލަވަންގުއަރ ދިއާ ހިމެނެއެވެ.

މި ޓީމުން ރާއްޖޭގައި 5 ދުވަހު ތިބުމަށް ހަމަޖެހިފައިވާއިރު، ފިނޮޅު މޯލްޑިވްސް ރިސޯޓާއި ދަ ރެސިޑެންސް މޯލްޑިވްސް ރިސޯޓު އަދި ކ. ގުރައިދޫގެ ޕާމްއިން ގެސްޓްހައުސްއަށް މި ޓީމު ޒިޔާރަތްކުރާނެއެވެ.

މި ދަތުރުގައި ރާއްޖޭގެ ސަޤާފަތާއި ރީތިކަން ތަޖުރިބާކޮށްލުމުގެ ގޮތުން ގިނަ ޙަރަކާތްތަކެއް ކުރިއަށްގެމްދާނެކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އެގޮތުން ރިސޯޓުތަކާއި ގެސްޓްހައުސްއިން ލިބޭ ތަފާތު ޚިދުމަތްތަކާއި ޚާއްސަ ކެއުންތަކުގެ އިތުރުން ސްޕާގެ ޚިދުމަތްވެސް މި ޓީމުން ތަޖުރިބާ ކުރާނެއެވެ. މި ދަތުރަށްފަހު މި ޓީމުން ރާއްޖޭގައި ކުރި ތަޖުރިބާގެ މައްޗަށް ސްޕެއިންގެ ނޫސްތަކުގައި ލިޔުންތައް ޝާޢިޢުކުރަންޖެހެއެވެ.

އެމްއެމްޕީއާރްސީން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ބޭރުގެ އެކި މާކެޓްތަކުގައި އިޝްތިހާރުކުރަމުންނެވެ.

ސްޕެއިންގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު މާކެޓެކެވެ. މިދިޔަ އަހަރުވެސް ސްޕެއިންއިން ރާއްޖެއަށް ތިރީސް ހާސް ފަސްދޮޅަސް ހަތަރު ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 13.5 އިންސައްތައިގެ ކުރިއެރުމެކެވެ. ސްޕެއިންއަކީ 2019 ވަނަ އަހަރު ރާއްޖެއަށް 12 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ޤައުމުވެސްމެއެވެ.

ސްޕެއިނުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން މިއަހަރު އެމްއެމްޕީއާރުސީން ވަނީ ގިނަ ކަންތައްތަކެއް ކުރިޔަށް ގެންދިއުމަށް ރާވާފައެވެ. އެގޮތުން ސްޕެއިންގެ އެންމެ ބޮޑު ފެއާރ ކަމުގައިވާ ފިތޫރް ފެއަރގައި މިދިޔަމަހު އެމްއެމްޕިއާރުސީން ވަނީ ބައިވެރިވެފައެވެ.