އެއަރޕޯޓް ސަރވިސް ޗާޖު އުވާލުމަށްފަހު ޑިޕާޗަރ ޓެކްސް ނަގާ ގޮތަށް ޤާނޫނު އިސްލާހުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުން މިއިސްލާހުތައް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ އެއަރޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމުގެ ޤާނޫނަށެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލުގައި، ފަސިންޖަރުންގެ އަތުން މިހާރު ނަގަމުން އަންނަ އެއަރޕޯޓް ސަރވިސް ޗާޖު އުވާލުމަށްފަހު، އިތުރު ޓެކްސްއެއް ނެގުމަށް ވަނީ ހުށަހަޅާފައެވެ.
ޤާނޫނުގައި މިހާރު އޮތް ގޮތުން އެއަރޕޯޓުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ނަގަނީ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީން ފަސިންޖަރެއްގެ އަތުން 25 ޑޮލަރެވެ. ސަރުކާރުން ހުށަހަޅާފައިވަނީ 31 މާޗުގެ ފަހުން އެއަރޕޯޓް ސަރވިސް ނެގުން ހުއްޓާލުމަށްފަހު، 1 އޭޕްރީލްއިން ފެށިގެން ޑިޕާޗަރ ޓެކްސްއެއް ނެގުމަށެވެ.
ޑިޕާޗަރ ޓޭކްސްއަކީ ކަނޑައަޅާފައިވާ ރޭޓުތަކެއްގައި ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީއެކެވެ. ޑިޕާޗަރ ޓެކްސް ނަގާ ރޭޓްތަކަށް ބަލާލާއިރު އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 ޑޮލަރު އަދި އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 30 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅާފައެވެ. ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން ނަގަން ހުށަހަޅާފައިވަނީ 60 ޑޮލަރެވެ. އަދި ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު ނެގުމަށް ހުށަހަޅާފައިވާއިރު ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނެގުމަށް މިބިލުގައި ހުށަހަޅާފައިވެއެވެ.
ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި މިހާރު ނަގަމުންދާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގާ ފީތަކަކީ ޑިޕާރޗަރ ޓެކްސްއާ އެއް ރޭޓްތަކެއްގައި ނަގާ ފީއަކަށް ބަދަލުކުރުމަށް ވަނީ ހުށަހަޅާފައެވެ.
ސަރުކާރުން ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިންގެ އަތުން އިތުރަށް އެއްވެސް ފީ އެއް ނުނަގާނެއެވެ. ބިލުގައިވާ ގޮތުން ބޮޑުވެގެން ދާނީ އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ފީ އާއި އަގުބޮޑު ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުން ދަތުރުކުރާ މުއްސަނދިންގެ އަތުން ނަގާ ފީއެވެ.
ސަރުކާރުން ވިދާޅުވީ މިއީ ބޮޑު އަގުގައި ދަތުރުފަތުރުކުރުމުގެ ޤާބިލުކަން ހުރި ތަނަވަސް ފަރާތްތަކުގެ އަތުން ނަގާ ފީ ބޮޑުކޮށް، ދައުލަތަށް އިތުރަށް އާމްދަނީ ހޯދުމަށްޓަކައި ސަރުކާރުން ގެނެސްފައިވާ އިސްލާޙުތަކެއްކަމަށެވެ.
ޤާނޫނުގައިވާ ގޮތުން ދިވެހިރާއްޖޭގެ އެއަރޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ އެ ފަސިންޖަރަކު ފުރި އެއަރޕޯޓުތަކުން ދައުލަތަށް މަހުން މަހަށް ދައްކަންޖެހޭނެއެވެ.
އޭޕްރީލް 1ގެ ފަހުން ޑިޕާޗަރ ފީއަކާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއެއް ނެގުމަށް އިސްލާޙުގައި ހިމަނާފައިވާއިރު އޭގެ ކުރިން ނަގާފައިވާ ޓިކެޓެއްގެ ތާރީޙު ފަހުން ބަދަލުކުރާނަމަ އަމަލުކުރަންޖެހޭނެ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުތަކުގައި ކަނޑައަޅަންޖެހެއެވެ.