ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލަށް ޢަމަލުކުރުމަށްޓަކާ ވާންޖެހޭ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ފުލުހުންނާއެކު މަޝްވަރާކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި އޮތް މިބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ބައިވެރިވެވަޑައިގެންވަނީ މަޝްވަރާކުރައްވާފައެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މިބިލުގައި ކުޑަކުދިންގެ ހައްގުތަކާއި، ކުޑަކުދިންގެ ޒިންމާތަކާއި، ބެލެނިވެރިންގެ ޒިންމާތަކާއި، ދައުލަތުގެ ޒިންމާތަކާއި އެހެނިހެން ފަރާތްތަކުގެ ޒިންމާތައް ވަނީ ބަޔާންކޮށްފައެވެ.
ބިލުގައި ކަނޑައަޅައިފައިވާ ކުޑަކުދިންގެ ހައްގުތަކުގެ ތެރޭގައި ތަފާތު ނުކުރުމާއި، އުނގެނުމުގެ ހައްގާއި، ދިރިހުރުމާއި ހެދިބޮޑުވުމުގެ ހައްގާއި، ރައުޔު ކާމަކުރުމުގެ ހައްގާއި އަޅާލުމާއި ހިމާޔަތް ލިބުމުގެ ހައްގާއި، ޖިންސީގޮތުން ނާޖާއިޒް ބޭނުންހިފުމާއި ގޯނާކުރުމުން ރައްކާތެރިވުމުގެ ހައްގާއި، އަނިޔާއާއި އާޅާނުލުމުން ރައްކާތެރިވުމުގެ ހައްގު ހިމެނެއެވެ. ހަމައެއާއެކު ނޭދެވޭ އިޖްތިމާއީ އަދި ސަގާފީ ކަންކަމުން ރައްކާތެރިކޮށްދިނުމުގެ ހައްގާއި އުފަންވުން ރަޖިސްޓްރީވުމާއި ނަމާއި ގައުމިއްޔަތުގެ ހައްގާއި އަމިއްލަވަންތަކަން ދެމެހެއްޓުމުގެ ހައްގުގެ އިތުރުން މައިންބަފައިން އެނގުމާއި އެމީހުންގެ އަޅާލުން ލިބުމުގެ ހައްގު އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ހައްގު ވެސް ހިމެނެއެވެ.
ބެލެނިވެރިންގެ ޒިންމާތަކުގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައި ވަނީ ކުއްޖާ އުފަންވުމުން ރަޖިސްޓްރީ ކުރުމާއި، ކުއްޖާ ތަރުބިއްޔަތުކޮށް އުނގަންނައިދިނުމާއި ހަރަދު ދިނުމާއި ކުއްޖާ އެހެން ފަރާތަކަށްދޭ އަނިޔާއަށް ޒިންމާވުން ފަދަ ކަންކަމެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ދައުލަތުގެ ޒިންމާގެ ގޮތުގައި ކަނޑައަޅައިފައި ވަނީ މައިންބަފައިންނަށް އެހީތެރިކަން ފޯރުކޮށްދީ ޒިންމާދާރު ކުރުވުމާއި، ކުޑަކުދިންނާ ގުޅޭ ނިންމުންތައް ނިންމުމުގައި އެކުދިންގެ ބައިވެރިވުން ހޯދުމާއި މައުލޫމާތު އާންމު ކުރުމެވެ.
ގައުމީ ފެންވަރުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުމަށް ބިލުގައި ވަނީ ބުނެފައެވެ.
އެގޮތުން ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ކައުންސިލެއް އުފައްދަން ޖެހޭނެއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް އަލުން އެކުލަވާލަން ސަރުކާރުން ނިންމީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު މިހާރު ބައްޓަންކުރެވިފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާޙަދާގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ ފުޅާމިނުގައި ލިބިދެވޭ ފަދަ ގޮތަކަށް ކަމުގައި ނުވާތީއެވެ.