ޚަބަރު

ބޭރު ޤައުމުތަކުގައިވެސް ރީރަޖިސްޓްރީ ކުރަންޖެހޭނީ ކުރީގެ އިންތިޚާބުގައި ވޯޓުލީތަން ބަދަލުވެފައިވާނަމަ - އީސީ


އިންޑިއާގެ ދެ ސިޓީއެއް ހިމެނޭހެން ބޭރުގެ ހަތް ޤައުމެއްގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އެފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދުވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ދެ އިންތިޚާބުގައި މިފަހަރު ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް ރީ ރަޖިސްޓްރީ ވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނިކަން ހާމަކޮށްފައެވެ.

ކުރިއަށްއޮތް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބެހެއްޓުމައްޓަކައި ރަޖިސްޓްރީވާން ހުޅުވާލީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީއާ، ޓްރިވެންޑްރަމްގެ އިތުރުން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ، މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރު، އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަން، ސިންގަޕޫރު، ތައިލެންޑުގެ އިތުރުން ބަންގްލަދޭޝްގައެވެ.

މި ތަންތަނުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން އެޤައުމުތަކުގައި ހުންނަ ހައިކޮމިޝަންތަކާއި، ކޮންސިއުލޭޓްތަކަށް ފޯމު ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އީސީން ވިދާޅުވިއެވެ.