ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ޙާޞިލްކުރުމުގައި އ.ދ.ގެ ފަރާތުން ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އ.ދ.ން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރ މިސް ކެތަރިން ހެސްވެލް ވިދާޅުވެއްޖެއެވެ.
އ.ދ.ން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރ މިސް ކެތަރިން ހެސްވެލް، މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއަށް އެރުވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އ.ދ.ގެ ފަރާތުން ދިވެހިރާއްޖެއަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާނެކަމަށެވެ. އަދި އެކަމަނާގެ ވާހަކަފުޅުގައި އަންހެނުން ބާރުވެރިކުރުވުމާއި މިންތީގެ ހަމަހަމަކަމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތަށް އެކަމަނާ ވަނީ ތަޢުރީފުކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އ.ދ އަކީ ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރާ މަސައްކަތްތަކުގައި ބޮޑު ދައުރެއް ކުޅޭ ޖަމާއަތެއްކަން ފާހަގަކުރައްވާ، މިސް ކެތަރިން ހެސްވެލްގެ އިރުޝާދާއެކު އެޖަމާއަތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދިވެހިރާއްޖޭގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އެޖަމިއްޔާގެ ބައިވެރިވުން ކުރިޔަށްވުރެ ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވަނީ ވިދާޅުވެފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ.ން ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތްކަމާއި، ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވާ، އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، ޢަލީ ޒާހިރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ، ޞަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެވަޑައިގެންނެވިއެވެ.