ޚަބަރު

ކައުންސިލްއިންތިޚާބާއި އަންހެނުންގެ ކޮމިޓީ އިންތިޚާބަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ދެ އިންތިޚާބުގައިވެސް ރަށްވެހި ވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވާން ޖެހޭނީ އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލާނަމަ އެކަނިކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިސީން މައުލޫމާތުދިނެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން އެކަނިކަމަށް އެލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރިސޯޓެއްގައި ނުވަތަ ޞިނާޢީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާތަންކަމަށް ރަޖިސްޓަރީވެފައި ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ދާއިމީ އެޑްރެސް ނޫން ތަނަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނާއި މާލޭ ސިޓީގައި ނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) ގައި ހަމަޖެހިފައިވާނެކަމަށް އެލެކްޝަންސްއިން މައުލޫމާތުދެއެވެ.

ރީ-ރަޖިސްޓަރީ ކުރުން ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 03:00 އަށްކަމަށާއި، ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށް އީސީން ބުނެއެވެ.

އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުްނސިލް އިންތިޚާބުގައި 269562 މީހަކަށް ވޯޓުދިނުމުގެ ޙައްޤުލިބިގެންވެއެވެ.