ވިޔަފާރި

އިތުރު 3 ރަށެއްގައި ބީއެމްއެލްއިން ސަރވިސް ސެންޓަރުތައް ޤާއިމްކުރަނީ


އިތުރު 3 ރަށެއްގައި ސެލްފް ސަރވިސް ސެންޓަރުތައް ޤާއިމްކުރުމަށް ބީއެމްއެލްއިން މަސައްކަތް ފަށައިފިއެވެ.

ބީއެމްއެލްއިން އިތުރު ސަރވިސް ސެންޓަރުތައް ޤާއިމްކުރުމަށް ނިންމާފައިވަނީ ކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. އެގޮތުން ބީއެމްއެލްއިން ވަނީ އދ. ދަނގެތި، ކ. ހިންމަފުށި އަދި ހދ. މަކުނުދޫގައި ސެލްފް ސަރވިސް ސެންޓަރުތައް ޤާއިމްކުރުމަށް ނިންމާފައެވެ.

ބޭންކުން މިހާރު ވަނީ މި ސެންޓަރުތައް ޤާއިމްކުރުމަށް ބޭނުންވާ ޢިމާރާތްތަކުގެ މަސައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.

ބީއެމްއެލްއިން ދާދިފަހުން ވަނީ އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުމަށް ޚާއްސަ ސެންޓަރެއް މާލޭގައި ޤާއިމްކޮށްފައެވެ. ބީއެމްއެލްއިން ބުނީ މި ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނަށް އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

އެކައުންޓު ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުމަށް ވަކި ސެންޓަރެއް މިހާރު ޤާއިމްކޮށްފައިވާއިރު ބޭންކުން ދަނީ މުޅިން އަލަށް 'ޑިޖިޓަލް ބްރާންޗެއް' ހުޅުވުމަށްވެސް ތައްޔާރުވަމުންނެވެ. މި ބްރާންޗު މެދުވެރިކޮށް ޒަމާނީ ޑިޖިޓަލް ބޭންކިންގ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލްއިން ދަނީ 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް އަދި 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.