ވިޔަފާރި

ސައުދީ އަރަބިއްޔާއާއި ސްވިޓްޒަލޭންޑުން ޒިޔާރަތްކުރި ފަތުރުވެރިން އިތުރުވެއްޖެ


ސައުދީ އަރަބިއްޔާ އާއި ސްވިޓްޒަލޭންޑުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މާކެޓްތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއި ސްވިޓްޒަލޭންޑްގެ މާކެޓް ހިމެނެއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްއިން ވިދާޅުވީ، މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ މާކެޓަށާއި ސުވިޓްޒަލޭންޑުގެ މާކެޓަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް އައިސްފައިވާކަމަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 4992 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީމަހު މިއަދަދު އުޅުނީ 2162 ގައެވެ. މިއީ އިންސައްތައިން ބަލާނަމަ 130.9 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ސައުދީ އަރަބިއްޔާ ހިމެނެނީ މިއަހަރުގެ ޖެނުއަރީމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 9 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުގެ ގޮތުގައެެވެ.

ސްވިޓްޒަލޭންޑްގެ މާކެޓަށް ބަލާއިރު މިއަހަރުގެ ޖެނުއަރީމަހު 3036 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. 2019 ވަނަ އަހަރު ސްވިޓްޒަލޭންޑުން ޒިޔާރަތްކުރީ 2966 ފަތުރުވެރިންނެވެ. މިއީ 2.4 އިންސައްތައިގެ ކުރިއެރުމެކެވެ. ސްވިޓްޒަލޭންޑް ހިމެނެނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި 10 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ޤައުމުގެ ގޮތުގައެވެ.

މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމުގެ ތެރޭގައި ހިމެނެނީ ޗައިނާ، އިޓަލީ، އިންޑިއާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ. މިފަހަކަށް އައިސް ބައެއް މާކެޓްތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ އިންސައްތަ ވަނީ ބޮޑުތަނުން އިތުރުވެފައެވެ.