ޚަބަރު

ފެނަކައިން 6 ރަށަކަށް ޖަނަރޭޓަރު ފޮނުވައިފި


ފެނަކައިން ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ 6 ރަށެއްގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ޖަނަރޭޓަރު ފޮނުވައިފިއެވެ. ފެނަކައަކީ ރާއްޖޭގެ 154 ރަށަކަށް ކަރަންޓުގެ ޚިދުމަތް ދެމުންއަންނަ ކުންފުންޏެކެވެ.

ފެނަކައިން ޖަނަރޭޓަރު ފޮނުވާފައިވަނީ ބ.ދަރަވަންދޫ، ބ.ގޮއިދޫ، ގއ.މާމެންދޫ، ހދ. ނޮޅިވަރަމް، ށ.ކޮމަންޑޫ އަދި އައްޑޫ ސިޓީއަށެވެ.

ރަށްރަށަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތަކީ އާބާދީއިތުރުވަމުން އަންނަ ރަށްތަކުގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އަދި ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތައް ދިމާވާ ރަށްތަކާއި މަރާމާތުކުރަންޖެހޭ ނުވަތަ މައްސަލަތައް ދިމާވާ ޖަނަރޭޓަރުތައް ހުރި ރަށްތަކަށްވެސް ފެނަކައިން އަންނަނީ ޖަނަރޭޓަރު ފޯރުކޮށްދެމުންނެވެ.

ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބ.ގޮއިދުއަށް ފޮނުވާފައިވަނީ 250 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. ށ.ކޮމަންޑުއާއި ގއ.މާމެންދުއަށް ފޮނުވާފައިވަނީ 400 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. ހދ.ނޮޅިވަރަމަށް ފޮނުވާފައިވަނީ 600 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. އަދި ބ.ދަރަވަންދުއަށް ފޮނުވާފައިވަނީ 800 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ.

މީގެއިތުރުން އައްޑޫ ސިޓީގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްވެސް ފެނަކައިންދަނީ މަސައްކަތް ކުރަމުންނެވެ. މިއީ އެއް ނެޓްވަރކަކުން ގުޅާލާފައިވާ ރަށްތަކުގެ ތެރެއިން ފެނަކައިން ކަރަންޓުގެ ޚިދުމަތްދޭ އެންމެ ބޮޑު ނެޓްވަރކެވެ. ފެނަކައިން އަށްޑުއަށް ފޮނުވާފައިވަނީ 2 މެގަވޮޓްގެ 2 ޖަނަރޭޓަރެކެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ މަރަދޫ، ފޭދޫ، މަރަދޫ-ފޭދޫ އަދި ގަމާއި ހިތަދޫގެ ކަރަންޓުގެ ޚިދުމަތްދެމުން އަންނަނީ އައްޑޫ ހިތަދޫގައި ހުންނަ ސެންޓްރަލް ޕަވަރ ހައުސްއިންނެވެ. މި އިންޖީނުގޭގެ މިހާރުވެ ކެޕޭސިޓީއަކީ 8.5 މެގަވޮޓެވެ. ނަމަވެސް އަލަށް ގެންދިޔަ 2 މެގަވޮޓްގެ ޖަނަރޭޓަރާއެކު އައްޑޫގެ ކަރަންޓު ކެޕޭސިޓީ 10.5 މެގަވޮޓަށް އިތުރުވާނެއެވެ.

ސަރުކާރުންވަނީ އައްޑޫ ސިޓީގެ ކަަރަންޓުގެ މައްސަލައަށް ޙައްލު ގެނައުމަށް އެރަށުގައި 20 މެގަވޮޓްގެ ކަރަންޓު ފެސިލިޓީއެއް ޤާއިމުކުރުމަށްވެސް ނިންމާފައެވެ. މި އިންޖީނުގެއިން އެއްވެސް ދަތިކަމެއްނެތި ކުރިއަށްއޮތް 15 އަހަރު އައްޑޫގެ ގުޅިފައިވާ ރަށްތަަކަށް ކަރަންޓު ދެވޭނެއެވެ. ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 37 މިލިއަން ރުފިޔާއަށް 15 މަސްދުވަހުގެތެރޭގައި ނިންމާގޮތަށެވެ. މި އިންޖީނުގޭގެ މަސައްކަތް ނިމުމުން އިންޖީނުގެ ހިންގާނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

ފެނަކައިން މިދިޔަ އަހަރުވެސްވަނީ 67 ރަށަކަށް ޖަނަރޭޓަރު ފޮނުވައި އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައެވެ. ޚިދުމަތް ރަނގަޅުކުރުމުގެ ގޮތުން އެ ކުންފުނިންދަނީ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އެގޮތުން މިހާތަނަށް 35 ރަށަށްވުރެ ގިނަ ރަށުގެ އިންޖީނުގެ އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފެނަކައިން ވަނީ ފަށާފައެވެ.

ފެނަކައިން ހިންގާ 148 އިންޖީނުގެ މެދުވެރިކޮށް، 154 ރަށަށް ފެނަކައިންދަނީ ކަރަންޓު ފޯރުކޮށްދެމުންނެވެ.