ކުޅިވަރު

މާނޭގެ 100 ވަނަ ގޯލާއެކު ލިވަޕޫލް އާސެނަލްގެ ރެކޯޑް އާއި ކައިރިކުރަނީ


ސާދިއޯ މާނޭ އިނގިރޭސި ވިލާތުގައި ޖެހި 100 ވަނަ ގޯލާއެކު ރޭ ނޯވިޗް ސިޓީ 1-0އިން ބަލިކޮށް ލިވަޕޫލް އާސެނަލްގެ ރެކޯޑާ ގާތްކޮށްފި އެވެ.

މި މޮޅަކީ ބަލިނުވެ ލިވަޕޫލް ހަމަކުރި 43 ވަނަ މެޗެވެ. އާސެނަލް ބަލިނުވެ ހަމަކޮށްފައިވަނީ 49 މެޗެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާގެ ޓީމަށް މާނޭ ޖަހައިދިން 75 ގޯލާއެކު މެޗުގެ ތިން ޕޮއިންޓް ލިބުމުން އުފާ ކުރާ ކަމަށެވެ.

"އަހަރެންނަކީ އެހާ ސްމާޓް މީހެއްނޫން. އަހަރެން ހައިރާންވޭ މި ލީޑާމެދު. މެޗު ނިންމާފައި ޗޭންޖިންރޫމަށް ގޮސް ކުޅުންތެރިންނާ ވާހަކަ ދައްކާފައި އަހަރެން ޕޮއިންޓް ޓޭބަލް ބަލާލިއިރު އިތުރު ތިން ޕޮއިންޓް މިއޮތީ ލިބިފައި. ދެން މި ގެޕަކީ ވަރަށް ބޮޑު ކުރިއެރުމެއް. ކުޅުންތެރިންނަށް މި ހުރިހާ ޝުކުރެއް އޮތީ،" ކްލޮޕް ބުންޏެވެ.

ލިވަޕޫލް މިވަގުތު އޮތީ 73 ޕޮއިންޓާއެކު އެއްވަނާގަ އެވެ. ކުރިއަށް އޮތް ފަސް މެޗު ލިވަޕޫލް ކާމިޔާބުކޮށްފިނަމަ އެ ޓީމަށް ޗެމްޕިއަންކަން ލިބޭނެ އެވެ.
ކްލޮޕް ބުނީ ލިވަޕޫލް ޓީމަކީ އެންމެ މޮޅު ޓީމު ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަމަށާއި އޭނާގެ ޓީމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ބައިވަރު އެބަހުރި ކަމަށެވެ. ނަމަވެސް މިވަގުތު އިނގިރޭސި ލީގުގައި ލިބިފައިވާ ލީޑަކީ 30 އަހަރު ވެންދެން އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.