ޚަބަރު

ޕާޓީ ޑްރަގްސް ހިފައިގެން ރާއްޖެ އައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި


ރާއްޖެ އައި ބަންގްލަދޭޝް ފިރިހެނެއްގެ އަތުން އެއް ލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ފެނުމާއި ގުޅިގެން އޭނާ ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމް ސަރވިސުން ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހުގެ ރޭ ވައިގެ މަގުން ބަންގްލަދޭޝްއިން ރާއްޖެއައި އެޤައުމުގެ 26 އަހަރުގެ ފިރިހެނެއްގެ ލަގެޖް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިންގެ 1932 ގުޅަ އޭނާގެ ލަގެޖުން ފެނިފައިވާކަމަށެވެ.

އޭނާގެ އަތުން ފެނުނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އެމްފެޓަމިން ނުވަތަ ޕާޓީ ޑްރަގްސްކަން އެނގުނީ ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން ކަމަށާއި، އެތަކެތީގެ މަގުމަތީ އަގު 193,200.00 (އެއް ލައްކަ ނުވަދިހަ ތިން ހާސް ދުއިސައްތަ) ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން މައުލޫމާތުދިނެވެ.

މިމައްސަލައިގަައި ޝާމިލްވާ މީހާއާ އި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ވަނީ ހާމަކުރައްވާފައެވެ.

ބަންގްލަދޭޝުން އައި މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެން ފައިވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް ތިން ފަހަރެއްގެ މަތިން، ކަސްޓަމްސް އިން ޑިކްލެއާ ކުރުމެއް ނެތި ރާއްޖެއިން ބޭރުކުރަން އުޅުނު ހަތަރު މިލިއަން ވުރެ ގިިނަ ރުފިޔާ ކަސްޓަމްސް އިން އަތުލައިގެންފައިވާކަން އެއިދާރާއިން ރޭ ވަނީ ހާމަކުރައްވާފައެވެ. މީގެތެރޭގައި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ގަވައިދާ ޚިލާފަށް ރާއްޖެ އިން ބޭރުކުރަން އުޅުނު 617،000 ރުފިޔާވެސް ހިމެނޭކަމަށް ކަސްޓަމްސްއިން މައުލޫމާތުދިނެވެ.