ޚަބަރު

ޕީޕީއެމުން އަބަދުވެސް މަސައްކަތްކުރީ ލާމަރުކަޒީ ނިޒާމު ރޫޅާލުމަށް: ރައީސް ނަޝީދު


އިދިކޮޅު ޕީޕީއެމުން އަބަދުވެސް މަސައްކަތްކުރީ ރާއްޖެއިން ލާމަރުކަޒީ ނިޒާމު ރޫޅާލުމަށްކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބަށް އެމްޑީޕީން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މިއަދު ފެށި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތާއި ގުޅުވައިގެން ހުޅުމާލޭގައި އެޕާޓީގެ ކެނޑިޑޭޓެއްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ބައްދަލުވުމެއަގައި މަޖިލީހުގެ ރައީސް އަދި އެމް.ޑީޕީގެވެސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީ އާއި ވާދަކުރުމަށް އިދިކޮޅު ޕީޕީއެމުން ކެނޑިޑޭޓުން ނެރޭވާހަކަ އަޑުއެއްސެވިަކަމަށެވެ. އަދި މިވޭތުވެދިޔަ ހަތް އަހަރު ރާއްޖޭގައި ވެރިކަންކުރި ފަރާތްތަކުން، ޚާއްސަކޮށް ޕީޕީއެމުން އަބަދުވެސް މަސައްކަތްކުރީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ލިބިދީފައިވާ ބާރުތައް ރައްޔިތުންގެ އަތުން ނެގުމަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުގައި ރައީސް ނަޝިދު ދެއްކެވި ވާހަކަފުޅުގައި މީގެ އަށެއްކަ އަހަރުކުރިން އޮތް އެމްޑީޕީގެ ފުރަތަމަ ވެރިކަމަށްފަހު އެތައްފަހަރެއްގެ މަތިން ލާމަރުކަޒީ ނިޒާމަށް އެތައް ގޮންޖެހުންތަކެއް އެޕާޓީއާ އިދިކޮޅު ފަރާތްތަކުން ކުރިމަތިކުރުވިކަމުގައި ވިދާޅުވިއެވެ.

"ލާމަރުކަޒީ ޤާނޫނު، ފަސް ފަހަރަށް އުލުބައިންދައިފި. ޕީޕީއެމްގެ އަބަދުވެސް އަމާޒަކަށްވެފައޮތީ ރައްޔިތުންގެ އަތުން އެބާރުތައް ނެގުން، ކައުންސިލްތައް ނިކަމެިކުރުން، ކައުންސިލްތައް ބަންދުކުރުން. މާލެ ސިޓީ ކައުންސިލައް ގޮނޑިއެއް މޭއްޒެއް ނެތް މިދިޔަ ހަތް އަހަރު، މީގެން ކައުންސިލެއްގެ ކަންކަން ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރެވޭނެ އެއްވެސް ގޮތެއްނެތި މިދިޔަ ހަތް އަހަރު، އަށް އަހަރު އެދިޔައީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުވަނީ ލާމަރުކަޒު ކުރުމަކީ ނުވަތަ އެފިކުރަކީ އެމްޑީޕީގެ ފިކުރެއްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައި ހުޅުމާލޭއަށްވެސް އެންމެ ގިނަ ބަޔަކު އާބާދުކުރުމަށް މަސައްކަތް ކުރެއްވީ އެމްޑީޕީގެ ސަރުކާރުންކަމުގައި ވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވިއިރު ހުޅުމާލޭގައި 150 ގޭބިސީވެސް ރަޖިސްޓްރީވެފައި ނެތްއިރު ހުޅުމާލެއިން ގޯތިދީ މީހުން އެރަށަށް ގެނައީ އެމްޑީޕީން ކަމަށާއި، ހުޅުމާލޭގައި ތިބޭނީ އެޕާޓީގެ ފިކުރުގެ މީހުންކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން މުޅިރާއްޖޭގައި މިއަދު ފެށި ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ އިވެންޓުގައި މާލޭގެ ބައެއް ސަރަހައްދުތަކާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައިވެސް ވަނީ ޕޯސްޓަރުތައް ހަރުކުރުން ކުރިއަށްގެންގޮސްފައެވެ.

މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދާއި، ސަރުކާރުގެ އިސްވެރިންނާއި މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެން ޕޯސްޓަރު ހަރުކުރުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.