ކުޅިވަރު

ޔޫއެފާގެ ނިންމުމަށް މަރުޙަބާ ކިޔަން: ޓެބޭސް


ޔޫއޭފާއިން އެ ޖަމާއަތުގެ އެއްވެސް މުބާރާތެއްގައި ނުކުޅެވޭ ގޮތަށް ދެ އަހަރު ވަންދެން މެންޗެސްޓާ ސިޓީ ސަސްޕެންޑް ކުރުމުން ސްޕެނިޝް ލީގުގެ ރައީސް ހާވިއާ ޓަބޭސް އެކަމަށް މަރުހަބާ ކިޔައިފި އެވެ.

އޭނާގެ އަމިއްލަ ޓުވިޓާގައި ޓަބޭސް ބުނީ ސިޓީ އާއި ފްރާންސްގެ ޕީއެސްޖީ އަށް ފިޔަވަޅު އަޅަން އޭނާ ވެސް ގޮވާލާތާ މިހާރު ހަތަރު އަހަރުވެއްޖެ ކަމަށެވެ. އަދި މި ކުލަބަކީ ހައްދެއްނެތި ހަރަދުކޮށް ޔޫއޭފާގެ ގަވާއިދުތައް މުގުރަމުން އައި ދެ ކުލަބު ކަމަށެވެ.

އަރަބި މަހުނަނުން ހިންގާ މި ދެ ކުލަބުގެ ތެރެއިން ސިޓީ ސަސްޕެންޑްކޮށް 30 މިލިއަން ޔޫރޯއިން ޖޫރިމަނާ ކުރީ ހައްދެއްނެތި ހަރަދު ކުރުމާއި ކުލަބަށް އާމްދަނީ ލިބުނު ގޮތާމެދު މަކަރު ހަދައިފަ އެވެ. ޔޫއޭފާއިން ބުނީ އެ ޖަމާއަތުގެ ތަހުގީގުތަކުން މިކަން ސާބިތުވާ ކަމަށެވެ.

ނަމަވެސް ސިޓީން ވަނީ އެއްވެސް އިރެއްގައި ގަވާއިދާ ހިލާފުނުވާ ކަމަށް ބުނެ މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.
ސިޓީ އަށް މީގެ ކުރިން ވެސް ޔޫއޭފާއިން ވަނީ އަދަބު ދީފަ އެވެ. ނަމަވެސް އެފަހަރު ނިންމީ ޖޫރިމަނާ ކުރާށެވެ.

ސިޓީ ސަސްޕެންޑް ކުރުމުން ކޯޗު ޕެޕްގާޑިއޯލާގެ ކުރިމަގާމެދު ވަނީ ސުވާލުއުފެދިފަ އެވެ. އޭނާ އަކީ ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކޯޗުކަމަށްވާއިރު ޔޫރަޕުގައި ނުކުޅެވޭނަމަ އޭނާ ސިޓީގައި ނުހުންނާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނަން ފަށާފަ އެވެ.