ޚަބަރު

ޤަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރުކުރަން އުޅުނު 3 މީހަކު ހިފަހައްޓައިފި


ނަގަންޖެހޭ ހުއްދަތައް ނުނަގާ ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ މިދިޔަ ޑިސެމްބަރު މަހާއި ޖެނުއަރީ މަހުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރަށް ފައިސާ ގެންދަން އުޅުނު 3 މީހަކު އަތުލައިގެންފައިވާ ކަމަށެވެ.

މީގެ ތެރެއިން ދެމީހަކު އަތުލައިގެންފައިވަނީ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މީގެ ތެރޭގައި ހިމެނެނީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. ކަސްޓަމްސް އިން ވިދާޅުވީ މި މައްސަލާގައި އަތުލައިގަތް ދިވެހި މީހާގެ އަތުން ފެނުނު ބޭރު ފައިސާގެ އަދަދު، ދިވެހި ރުފިޔާއިން ބަލާނަމަ ދެ މިލިއަނަށްވުރެ ގިނަކަމަށެވެ. އަދި ބިދޭސީ މީހާގެ އަތުން ފެނުނު ފައިސާގެ އަދަދު ދިވެހި ރުފިޔާއިން ބަލާނަމަ ހަ ލައްކައަށްވުރެ ގިނަ ކަމަށެވެ.

އަދި މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ކަސްޓަމްސް އިން ހިފެހެއްޓި 31 އަހަރުގެ ދިވެހި ފިރިހެން މީހާގެ އަތުން ފެނުނު ބޭރު ފައިސާގެ އަދަދު ދިވެހި ރުފިޔާއިން ބަލާނަމަ އެއް މިލިއަނަށްވުރެ ގިނަ ކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ.

ކަސްޓަމަސް އިން ވިދާޅުވީ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރުމަށްޓަކައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ވާގޮތުން 20،000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ ޢަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެއަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރުފައިސާ ރާއްޖެއިން ބޭރުކުރެވޭނީ ކަސްޓަމްސްގެ ޚާއްސަ ހުއްދައަކާއެކުގައެވެ.