ޚަބަރު

ތިން ދާއިރާއެއްގައި ޖުމުހޫރީ ޕާޓީގެ ޕްރައިމަރީ ބާއްވައިފި


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ޖުމްހޫރީ ޕާޓީން ޕްރައިމަރީ ބާއްވައިފިއެވެ. އެޕާޓީން ޕްރައިމަރީ ބާއްވާފައި ވަނީ ތިން ދާއިރާއެއްގައެވެ. އެއީ އދ. މާމިގިއްޔާއި އަދި ފެންފުއްޓާއި، މާލެއިން މާފަންނު ހުޅަނގު އުތުރު ދާއިރާއެވެ.

މިއަދު މެންދުރު ފަހު 14:30 އިން މިރޭ 2100 ހަމައަށް ވޯޓުލުން ކުރިއަށް ދިޔަކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ. ނަމަވެސް ޕްރައިމަރީގެ ނަތީޖާ އަދި ޢާންމުނުކުރެއެވެ.

ޖުމްހޫރީ ޕާޓީން ބޭއްވި މި ޕްރައިމަރީގައި މާލޭގައި ތިން ވޯޓް ފޮށި ބަހައްޓާފައިވާއިރު، މާމިގިލީގައި ދެ ފޮށި އަދި ފެންފުށީގައި އެއްވޯޓު ފޮށި ބަހައްޓާފައި ވެއެވެ. މި ޕްރައިމަރީގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރަނީ މާމިގިލީ ދާއިރާއަށެވެ. އެއީ 21 ކެނޑިޑޭޓުންނެވެ.

މިއީ އިންތިޚާބެއްގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ޖުމްހޫރީ ޕާޓީން ޕްރައިމަރީއެއް ބޭއްވި ފުރަތަމަ ފަހަރެވެ. އެޕާޓިން ވަނީ ޕްރައިމަރީ ބޭއްވުމަށް އަސާސީ ޤަވާއިދަށް މިދިޔަ މަހު އިޞްލާހު ގެނެސްފައެވެ.