ވިޔަފާރި

ދުބާއީގައި ބާއްވާ "ވޯލްޑް އެކްސްޕޯ"ގައި ރާއްޖެއިން ބައިވެރިވަނީ


ދުބާއީގައި 6 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ވޯލްޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ވޯލްޑް އެކްސްޕޯއަކީ ދުނިޔޭގައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ އެކްސްޕޯއެކެވެ. މިފަހަރުގެ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ދުބާއީގައެވެ. މިއީ ދުނިޔޭގައި ބާއްވާ އެންމެ އަގުބޮޑު ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެކްސްޕޯއެކެވެ.

'އެކްސްޕޯ 2020 ދުބާއީގެ' ނަމުގައި ކުރިއަށްދާ މި އެކްސްޕޯ މިއަހަރު އޮންނާނީ އޮކްޓޫބަރު މަހުގައެވެ. ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ ޔޫސުފް ރިޒާ ވިދާޅުވީ މިއީ މި އެކްސްޕޯގައި ރާއްޖެ ބައިވެރިވާ 3 ވަނަ ފަހަރުކަމަށެވެ.

ރިޒާ ވިދާޅުވީ މިއަހަރުގެ އެކްސްޕޯގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އިޝްތިހާރުކުރުމާއި ރާއްޖެއަށް އިންވެސްޓްމަންޓްތައް ހޯދުމަށް މަސައްކަތް ކުރެވިގެންދާނެކަމަށެވެ.

"މި އެކްސްޕޯ ކުރިއަށްގެންދިއުމުގައި ސަރުކާރުގެ ވިސްނުމަކީ މި ފުރުސަތަކީ ރާއްޖޭގެ ހުރިހާކަމެއް ޝޯވކޭސްކުރަން ލިބޭ ރަނގަޅު ފުރުސަތަކަށް ވުން. އެހެންވީމަ، މި އެކްސްޕޯގައި ބައިވެރިވުމުގެ އެންމެ ބޮޑު މަޤްސަދަކަށް ވެފައި މި އޮތީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުން. އަދި ހަމައެގޮތަށް ރާއްޖޭގެ އިންވެސްޓްމަންޓް ޕްރޮމޯޓްކުރުން." ޔޫސުފް ރިޒާ ވިދާޅުވިއެވެ.

މިއަހަރުގެ އޮކްޓޫބަރުމަހު ފަށާ 'އެކްސްޕޯ 2020 ދުބާޢީ' އަންނަ އަހަރުގެ އޭޕްރިލް މަހާއި ހަމައަށް ކުރިއަށްދާނެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެކްސްޕޯގައި ބައިވެރިވުމަށް މިނިސްޓްރީން ދުރާލާ ތައްޔާރީތައް ވަމުންއަންނަކަމަށެވެ.

އެގޮތުން ޓުއަރިޒަމް މިނިސްޓްރީއާއި މިނިސްޓްރީ އޮފް ކަލްޗަރ އަދި އެމްއެމްޕީއާރްސީއާއި ގުޅިގެން އެކްސްޕޯގެ ތައްޔާރީތައް ވަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މި އެކްސްޕޯގައި ޓޫރިޒަމް ޕްރޮމޯޓްކުރުމާއި އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމުގެ އިތުރުން ރާއްޖޭގެ ޘަޤާފަތާއި އާދަކާދަތައް ދައްކާލުން ވެސް ކުރިއަށްދާނެއެވެ.

އެންމެ ފަހުން މި އެކްސްޕޯ ބާއްވާފައިވަނީ 2015 ވަނަ އަހަރު އިޓަލީގެ މިލާންގައެވެ. މިއަހަރުގެ އެކްސްޕޯއަށް ދުބާއީން ގިނަ ތައްޔާރީތައް ވަމުން އަންނައިރު މި އަހަރުގެ އެކްސްޕޯއަށް 25 މިލިއަން މީހުން ގެނައުމަށް ދުބައީން ދަނީ މަސައްކަތްކުރަމުންނެވެ.