ޚަބަރު

އެކްސިޑެންޓުގައި ޒަޚަމްވި ދެކުދިންގެ ހާލު ރަނގަޅު


މިއަދު ހެނދުނު މާލޭގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްވި ދެ ކުދިންގެ ހާލުވެސް ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. އައިޖީއެމްއެޗުން ބުނީ މިހާދިސާގައި ޒަޚަމްވި ދެކުދިންގެ ހާލުވެސް ރަނގަޅު ކަމަށާއި، ދެ ކުދިންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ. 15 އަހަރުގެ ކުއްޖާގެ ފަރުވާ ފުރިހަމަ ކުރުމަށްފަހު ދޫކޮށްލާފައިވާއިރު، 14 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މިހާތަނަށް ބެލި ބެލުމުން ދެ ކުދިންގެ ބޭރު ފުށުން ފެންނަ ޒަޚަމްތައް ފިޔަވާ ހަށިގަނޑުގެ އެތެރެއިން ސީރިއަސް އަނިޔާތަކެއްވެފައި ނެތް ކަމަށްވެސް އައި.ޖީ.އެމް.އެޗުން މައުލޫމާތުދެއެވެ.   ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު ދިހަގަޑި ތިރީސްފަހެއް ހާއިރު ޝަހީދުއަލީ ހިނގުމާއި، މަޖީދީމަގާއި ގުޅޭ ކަންމަތިން ކަމަށެވެ. އެކްސިޑެންޓް ހިނގާފައިވަނީ 15 އަހަރާއި، 14 އަހަރުގެ ދެ ކުދިން ދުއްވަމުން ދިޔަ ސައިކަލް ކޮންޓްރޯލްނުވެ، ކަންމަތީގައި ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑުގައި ޖެހިގެން ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.ފުލުހުން ދަނީ މިޙާދިސާ އިތުރަށް ތަހުޤީޤުކުރަމުންނެވެ.