ޚަބަރު

5 ދުވަހަށް ބޭނުންކުރެވޭ މިންވަރަށް ފެން ރައްކާކުރެވޭނެ ބެކަޕް ނިޒާމެއް ހަދަނީ


މާލޭގައި ފެނުގެ ބެކަޕް ސިސްޓަމެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ އެމްޑަބްލިއު އެސްސީން ބުނެފިއެވެ. މިނިޒާމަކީ 5 ދުވަހަށް ބޭނުންކުރެވޭ މިންވަރަށް ފެން ރައްކާކުރެވޭ ނިޒާމެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވީ ކުންފުނީގެ މިހާރުގެ އެންމެ ބޮޑު ޢަމާޒަކީ ބެކަޕް ފެން ރައްކާކުރާ ނިޒާމެއް މާލޭގައި ހެދުންކަމަށެވެ. މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ މާލޭގައި މިހާރު އުފައްދާ ރައްކާކުރެވެނީ އެންމެ ދުވަހަކު ބޭނުންކުރެވޭނެ ފެންކަމަށެވެ.
މިވަރަށް ފެން އުފައްދަންޖެހެނީ ފެން ރައްކާކުރާނެ އެކަށީގެން ނިޒާމެއް މާލޭގައި ނެތުމުންކަމަށް ޝާހު ވިދާޅުވިއެވެ.

މިމައްސަލަ ޙައްލުކޮށް، މާލެއަށް އެދުވަހަކު ބޭނުންކުރުމަށްފަހު، އިތުރަށް ރައްކާކުރެވޭ މިންވަރަށް ފެންއުފައްދާ ރައްކާކުރެވޭނެ ނިޒާމެއް ހެދުމުގެ މަސައްކަތް ކުރުމަށް މިހާރު ފަށާފައިވާކަަމަށް ޝާހު ވިދާޅުވިއެވެ.

"މާލެއަށް ކަމެއް ދިމާވިއަސް މިހާރު ބޭނުންކުރަން މިހުރީ އެއް ދުވަހަށް ބޭނުންކުރެވޭނެ ބެކަޕް ސްޓޯރޭޖެއް. ފެން ރައްކާކުރާ މިންވަރު އިތުރުކުރަންއެބަޖެހޭ. މިކަމާއި ރައީސްއާއި މަޝްވަރާކޮށް، މިހާރު ނިންމާފައިވަނީ ބޭރުމަގު އެސްޓީއޯ ރެޑީމިކްސް ހެދުމަށް ކުރިން ބޭނުންކުރި ބިން މިމަސައްކަތަށް ދިނުމަށް. ޕްލޭނިންގ މިނިސްޓްރީ މެދުވެރިކޮށް ބިން ލިބުނީމަ މަސައްކަތް ފަށަންވީ." ޝާހް ވިދާޅުވިއެވެ.

އެމްޑީ ޝާހް ވިދާޅުވީ ފެން ރައްކާކުރުމަށް ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮޖެކްޓާއި ގުޅުންހުރި ބައެއް މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ.

"5 ދުވަހަށް ބޭނުންކުރެވޭވަރަށް ފެން ރައްކާކުރެވޭނެ މި ނިޒާމުން. މިހާރު ޓޭންކްތައް ހެދުމަށްވެސް އެވޯޑްކޮށްފައިވަނީ. ބިން ސާފުކޮށް ފައުންޑޭޝަންގެ މަސައްކަތްތައް ނިމުނީމަ ޓޭންކްތައް ބެހެއްޓޭނީ." ޝާހު ވިދާޅުވިއެވެ.

މާލޭގެ 2 ލައްކައެއްހާ މީހުން މިހާރުވެސް ދިރިއުޅެމުންއަންނައިރު، އާބާދީ އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މާލޭގައި މިހާރު ފެން އުފައްދާ ރައްކާކުރެވެނީ ދުވަހުން ދުވަހަށް ބޭނުންކުރެވޭނެ މިންވަރަށެވެ.
މާލޭގެ ފެނުގެ ސެކިއުރިޓީ އިތުރުކުރުމަށް 2018 ވަނަ އަހަރު އެމްޑަބްލިއު އެސްސީންވަނީ މާލޭގައި ފެން އުފައްދާ އިތުރު ސިސްޓަމެއް ޤާއިމުކޮށްފައެވެ. މި ސިސްޓަމުން ދުވާލަކު 2000 ޓަނުގެ ފެން އުފައްދައެވެ.

2014ވަނަ އަހަރު އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ޙާދިސާއަކީ މުޅި މާލެއަށް ދިމާވި ފެނުގެ ބޮޑު ކާރިސާއެކެވެ. މި ޙާދިސާގެ ސަބަބުން މާލެއަށް ފެން ނުލިބި ހަފްތާއެއްހާ ދުވަސްވިއެވެ. ޙާދިސާއަށް 5 އަހަރުވީއިރުވެސް މިހާތަނަށްވެސް މާލޭގައި ފެން ރައްކާކުރާ އެކަށީގެންވާ ބެކަޕް ސިސްޓަމެއް ނެތްކަން ފާހަގަކުރަންޖެހެއެވެ.