ސީޕްލޭން ޓަރމިނަލްގެ މައްސަލައިގައި ކޮންމެ އިދާރާއަކުން ތަޙްޤީގު ކުރިއަށް ގެންދިޔަނަމަވެސް އެތަޙްޤީގަށް ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ. އެމްއޭސީއެލްއިން މިހެން ވިދާޅުވެފައިމިވަނީ އައު ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ޖިނާޢީ ތަޙްޤީޤެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ފަށާފައިވަނިކޮށެވެ.
އައު ސީޕްލޭން ޓާމިނަލްގެ މައްސަލަ ތަޙުޤީޤުކުރަމުންދާ ހުރިހާ އިދާރާއަކަށްވެސް ކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި މިޓަރމިނަލް އޮޕަރޭޝަނަށް ގެނެސް އެއަރޕޯޓަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މިމައްސަލަ އަވަހަށް ނިންމާދިނުމަސް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ އައު ސީޕްލޭން ޓަރމިނަލްގެ މައްސަލައާއި ގުޅިގެން އޭސީސީން ވިދާޅުވެފައިވަނީ މި މައްސަލައިގައި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް، ނުވަތަ ސީ ޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖާއިޒް ފައިދާ ހޯދާދިނުމަށް މަސައްކަތްކޮށްފައިވާކަމާއި، ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެ ނޫންގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމަށެވެ.
އެހެންކަމުން މި މައްސަލައިގެ ޖިނާޢީ ތަޙްޤީޤް ވަކި މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން ބަލަމުންދާކަމަށެވެ.
އޭސީސީން ވިދާޅުވީ އެމް.އޭ.ސީ.އެލްއިން އިމާރާތްކުރާ އައު ސީ ޕްލޭން ޓަރމިނަލް އޮޕަރޭޓްކުރުމާ ގުޅޭގޮތުން ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކާއި މަޝްވަރާކޮށްފައިވީނަމަވެސް، އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއެކު ސޮއިކޮށްފައި ނުވާކަމަށެވެ. އައު ސީޕްލޭން ޓަރމިނަލްއަކީ މަލްޓި އޮޕަރޭޓަރުންނަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ތަނަކަށްވުމުން އެމް.އޭ.ސީ.އެލް އިން ދުނިޔޭގެ ފެންވަރުގައި އެމް.އާރް.އޯ ފެސިލިޓީއެއް ޤާއިމުކޮށް، އަކަމީޓަރަކަށް 10.35 ޑޮލަރަށްވުރެ ބޮޑު ރޭޓުގައި ވަކިފަރާތަކަށް ދީފިނަމަ، އެމް.އޭ.ސީ.އެލްއަށް ލިބެން އޮތް ފައިދާއަށް އުނިކަމެއް އަންނާނެކަމަށް ތަޙްޤީޤަށް ފާހަގަކުރެވޭކަމަށް އޭސީސީން ވިދާޅުވޭ.
މި މައްސަލައިގައި ޓްރާންސްމޯލްޑިވިއަން އެއަރވޭސް، ޓީއެމްއޭއަށް ސީޕްލޭން ޓަރމިނަލް ދިނުމަށް އެމްއޭސީއެލްއިން އެއްބަސްވެފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން އައު ޓާމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢުގައި އެމްއޭސީއެލްއާއެކު މަސައްކަތްކުރަމުން ދިޔަކަމަށެވެ.
މި މައްސަލައާއި ގުޅޭގޮތުން ޓީއެމްއޭއިން އެންމެ ފަހުން ބުނެފައިވަނީ އެކުންފުނިން ބޭނުންވަނީ ސީޕްލޭން ޓަރމިނަލްގެ ހިންގުން ކުރިންވެސް އެއްބަސްވެފައިވާގޮތަށް އެކުންފުންޏަށް ލިބުމަށްކަމަށެވެ. އަދި އެމްއޭސީއެލްއިން މުޅި ޓާމިނަލް ހިންގައިގެން ލިބޭނެކަމަށް ލަފާކުރާ ވަރަށްވުރެ ބޮޑު ފައިދާއެއް ޓީއެމްއޭއިން ނެރޭނެކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ސީޕްލޭން ޓާމިނަލް ކުއްޔައްދިނުމުގައި މައްސަލަތަކެއް އުޅޭކަން ހާމަވެ އެކަން ރައްޔިތުންގެ މަޖިލީހުންވެސް ދަނީ ބަލަމުންނެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިމާރާތް ކުރަމުންދާ އައު ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭ ކަންކަން، ރައްޔިތުންގެ މަޖިލީހުންވެސް ބަލަމުންދާއިރު، މިމައްސަލަ ސަރުކާރާއި ޓީއެމްއެއޭ އިން އެއްބަސްވާ ގޮތަކަށް އަވަހަށް ނިންމަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.