ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ނެތްކަން ކަށަވަރުކުރުމަށްފަހު، ރާއްޖޭގައި ކަރަންޓީންކުރި 2 ދިވެހިންގެ ކަރަންޓީން މުއްދަތު ހަމަވެގެން ދޫކޮށްލައިފި ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފަރުކޮޅުފުށީގައި ކަރަންޓީންކުރި ދެމީހުންގެ ގައިން މިވައިރަސްގެ އެއްވެސް އަލާމާތެއް ފެންނަން ނެތްކަން ހެލްތު މިނިސްޓްރީން މީގެކުރިންވެސްވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް މި ދެ މީހުން ކަރަންޓީން ފެސިލިޓީގައި ބަހައްޓާފައިވަނީ އެ ދެމީހުންނަކީ ޑަބްލިއުއެޗްއޯއިން ކަނޑައެޅި މުއްދަތުގައި ޗައިނާއިން އެ ވައިރަސް ފެނިފައިވާ ސިޓީއަކަށް ދަތުރުކުރި ފަރާތްތަކަށް ވުމުން، މި ވައިރަސް އެމީހުންގެ ގައިގައި ނެތްކަން ކަށަވަރުކުރުމަށެވެ.
މިގޮތަށް ރާއްޖެ އައި މީހުންގެ ތެރެއިން 3 މީހުން ކަރަންޓީން ފެސިލިޓީގައި ބަހައްޓާފައިވެއެވެ. މި ފަރާތްތައް ދޫކުރަނީ 14 ދުވަސް ވަންދެން ކަރަންޓީން ފެސިލިޓީގައި ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހުއެވެ. މިހާތަނަށް 14 ދުވަސް ހަމަވެގެން ދޫކޮށްލާފައިވަނީ 2 މީހުންނެވެ.
ޗައިނާގައި ކޯވިޑް-19 ފެތުރެން ފެށުމާއިއެކު ރާއްޖެއިން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ޚާއްސަކޮށް ރާއްޖެ އެތެރެވާ މައި އެއަރޕޯޓްތަކާއި ޕޯޓްތަކުގައި ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް 60،000 އަށްވުރެ ގިނަ މީހުން މި ބައްޔަށް ސްކްރީންކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެ ވައިރަހުގެ އަލާމާތް ހުރިތޯ ބެލުމަށް 20 މީހަކާއި ސުވާލުކޮށްފައިވާކަމަށްވެސް މިނިސްޓްރީއިން ވިދާޅުވެއެވެ. ނަމަވެސް މިއިން އެއްވެސް މީހެއްގެ ގައިން އެފަދަ އަލާމާތެއް ފެނިފައެއް ނުވެއެވެ.
ކޯވިޑް-19 އާ ގުޅިގެން މިވަގުތު މީހުން އެކަހެރިކޮށް ބަހައްޓަނީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ފަރުކޮޅުފުށި ސަރަޙައްދުގައެވެ. ސަރުކާރުން މިހާރުދަނީ ދާއިމީ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މާލެއަތޮޅު ވިލިވަރުލު ހެދުމުގެ މަސައްކަތް ކުރަމުންނެވެ.