ޚަބަރު

ބާ ކައުންސިލް ފުރަތަމަ އަހަރީ ޢާންމު ޖަލްސާ މިމަހުގެ 28ގައި


ބާ ކައުންސިލް ފުރަތަމަ އަހަރީ ޢާންމު ޖަލްސާ މިމަހުގެ 28ގައި ބާއްވަން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ވުޖޫދަށް އައި ބާ ކައުންސިލްގެ ރައީސަކީ މައުމޫން ހަމީދެވެ. ނައިބު ރައީސަކީ ކުރީގެ އެޓާނީ ޖެނެރަލް ކުރައްވާފައިވާ އަބްދުﷲ މުއިއްޒެވެ.

މި ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރުންނެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވާ ދެން ހިމެނިވަޑައިގަންނަވާނީ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމާއި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި ވަކީލް މުހައްމަދު އަސީލާއި މުހައްމަދު ފައިސަލްގެ އިތުރުން ނޫރު ބާން ފަހުމީއެވެ.

ބާ ކައުންސިލުން ބުނީ އެ ކައުންސިލްގެ ފުރަތަމަ އަހަރީ ޢާންމު ޖަލްސާ، އޮންނާނީ މިމަހުގެ 28 ވާ ހުކުރުދުވަހުގެ ރޭ 8:00 ގައި ޤިޔާޞުއްދީން ސްކޫލްގެ ހޯލުގައިކަމަށެވެ. މި ބައްދަލުވުމުގައި ކައުންސިލުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ކޮށްފައިވާ މާލީ ރިޕޯޓު ފާސްކުރުން އޮންނާނެއެވެ. މީގެއިތުރުން ޢާންމު މެންބަރުންގެ ފަރާތުން ހުށަހަޅާ ކަންކަމަށް މަޝްވަރާކުރުމާއި ގޮތެއް ނިންމަންޖެހޭކަންކަމުގައި ކުރިއަށްދާނޭ ގޮތްތައް ކަނޑައެޅުން އޮންނާނެކަމަށެވެ.

މި ޖަލްސާގެ އެޖެންޑާގައި ޢާންމު މެންބަރުން ހިމަނަން ބޭނުންވާ ކަންކަން މިމަހުގެ 24 ނިޔަލަށް ހުށައެޅުމަށް ބާ ކައުންސިލުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ބާ ކައުންސިލްގެ މަސްއޫލިއްޔައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތްކުރުމާއި، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް، ފިޔަވަޅު އަޅައި ބެލެހެއްޓުމާއި، ޤާނޫނީ
ވަކީލުންގެ ޚިދުމަތުގެ އުޞޫލުތައް ކަނޑައެޅުމާއި ، ޤާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންޞާފުވެރިކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުން ހިމެނެއެވެ.