ސިވިލް ސާރވިސް ކޮމިޝަންގެ މެންބަރުންގެ ސަބަބުން ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކަށް ހުރަސްއެޅި ލަސްވަމުންދާކަމަށް ވަޒީރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމުގެ ފުރުސަތެއް ދިނުމަށް އެ ކޮމިޝަނުން ރައްޔިތުންގެ މަޖީލިހުގައި އެދެފިއެވެ.
ސިވިލް ސަރވސް ކޮމިޝަންގެ މަސްކަތްތައް ހުރިގޮތުން ސަރުކާރު އޮފީސްތައް ހިންގުމަށް ދަތިވެ ބައެއް ކަންކަން ނުނިމި ދިގުލައިގެން ގޮސް ބައެއް ކަންކަން ހުއްޓުމަކަށް އައިސްފައިވާކަމުގެ ކަންބޮޑުވުން ވަޒީރުން ވަނީ ފާޅުކުރައްވާފައެވެ. މިދިޔަ ހަފްތާގައި ރައްޔިތުން މަޖިލީހުގައި މިނިވަން މުވައްސާތަކުގެ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެޑައިގެން ގިނަ ވަޒީރުން ވަނީ ސީއެސްސީގެ ގުޅޭ ގިނަ ޝަކުވާތަކެއް ކޮމެޓީއާއި ހިއްސާކުރައްވާފައެވެ.
އެ ބައްދަލުވުމަށްފަހު ކޮމެޓީން ވަނީ ސިވިލް ސާރވިސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސްވެސް ހިމެނޭ ގޮތަށް ހަތަރު މެމްބަރެއް މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށައެޅުމަށް ނިންމާފައެވެ.
މި މައްސަލާގައި ސީއެސްސީން ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ވަޒީރުން
ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ނިހާޔަތަށް ކަންބޮޑުވާކަމަށެވެ. އެ ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ ޤާނޫނީ މަސްއޫލިއްޔަތުތައް ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ މިންތަކާއި އިންތަކާއި ހުދޫދުތަކުގެ ތެރެއިންކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަންގެ ބަޔާނުގައިވެއެވެ. އަދި އިދާރާތަކަށާއި ވަޒީރުންނަށް ދޭންޖެހޭ އެއްބާރުލުން ކޮމިޝަނުން އަބަދުވެސް ދެމުން އަންނަކަމަށްވެސް ސީއެސްސީގެ ބަޔާނުގައިވެއެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ މާލީ ޙާލަތު އޮތްގޮތުން އެކަށީގެންވާ މިންވަރަށް އިދާރާތަކަށް މުވައްޒަފުން ހޯދައިނުދެވުމާއި، މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިރިއުޅުމުގެ ހާލަތަށް ބަލާއިރު އެކަށީގެންނުވުމާއި، ރާއްޖޭގެ ސިޔާސީ މާހައުލު އޮތްގޮތުން މުވައްޒަފުންގެ ސްލޫކީ މިންގަނޑު ހިފެހެއްޓުމަށާއި ދެމެހެއްޓުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ކޮމިޝަނުގެ ބަޔާނުގައިވެއެވެ.
ކޮމިޝަންގެ މެންބަރުންގެ ތެރެއިން މަޤާމުން ވަކިކުރުމަށް މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ނިންމާފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހިމް ޝަހީޤުއެވެ.
މިދިޔަ ސަރުކާރުގައި ސިވިލް ސާރވިސް ކޮމިޝަނުން އަމަލުކުރި ގޮތުން އެ ކޮމިޝަނަށް ގިނަ ފާޑިކިޔުންތައް ވަނީ އަމާޒުވެފައި. މިގޮތުން ސަރުކާރުގެ ނުފޫޒު ވަދެ ބައެއް ކަންކަން ސަރުކާރުން އެދޭ ގޮތަށް ކުރަމުންދިޔަކަމަށް ބުނެ އެތައް ބަޔަކު ފާޑިކިޔާފައިވެއެވެ. އެގޮތުން ޕީޕީއެމުން ބޭއްވި ސިޔާސީ އެއްވުންތަކަށް ސަރުކާރުގެ މުވައްޒަފުންދާން މަޖްބޫރު ކުރުމުން އެކަމަށްވެސް އެއްވެސް ފިޔަވަޅެއް އެ ކޮމިޝަނުން އަޅާފައެއް ނުވެއެވެ.