ތަޢުލީމު

އިސްލާމިކް ޔުނިވަރސިޓީން އޮންލައިން ކޯސްތައް ފަށަނީ


ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ކުރިއަށްގެންދާ ޕްރޮގްރާމްތައް އޮންލައިންކޮށް ކިޔެވޭނެ އިންތިޒާމް، ކުރިއަށް އޮތް 6 މަސްތެރޭ ހަމަޖެހިގެންދާނެ ކަމަށް އެޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވައިސް ޗާންސެލަރ ޑރ. ޝަހީމް ވިދާޅުވީ، އޮންލައިންކޮށް ކުރިއަށް ގެންދާނީ ކޮން ޕްރޮގްރާމްތަކެއްކަން ކަނޑައެޅުމަށް މިހާރު ދިރާސާކުރައްވަމުން ގެންދަވާކަމަށެވެ. ޑރ. ޝަހީމް ވިދާޅުވީ، ޔުނިވަރސިޓީގެ ގޮފިތައް ރާއްޖޭގެ ވަކިވަކި ސަރަހައްދުތަކުގައި ހެދުމުގެ ބަދަލުގައި ބޮޑަށް އިސްކަންދޭނީ އޮންލައިންކޮށް ޕްރޮގްރާމްތައް ހިންގުމަށްކަމަށެވެ."އެގޮތަށް މަރުކަޒުތައް ހެދުމުގެ ބަދަލުގައި އަޅުގަނޑުމެންގެ އެހެން ވިސްނުމެއް އެބައޮތް. އެއީ އޮންލައިންކޮށް ކިޔެވޭނެގޮތް ހެދުން. ރާއްޖެ ޖިއޮގްރިފިކަލީ ހެދިފައި މިއޮތްގޮތުން ރަށްތަކަށް ބެހިފައި މި އޮންނަނީ. ކޮންމެ ކުއްޖަކަށް މާލެއައިސް އެތައް ދުވަހެއް ކިޔަވަން މަޑުކުރުމަކީ ދަތިކަމެއް. ވަޒީފާގެ ކަންތައް ހުންނަ ގޮތުން، ނުވަތަ ޢާއިލީ ގޮތުން، ނުވަތަ އިޤްތިޞާދީ ހާލަތު ހުރިގޮތުން. އެހެންވީމަ ރަށުގައި ހުރެގެން ކިޔެވޭނެ ގޮތް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހަދާނަން" ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޝަހީމް ވިދާޅުވިއެވެ.ޝަހީމް ވިދާޅުވީ، ޖާގައިގެ ދަތިކަމާއި، ޒަމާނީ ވަސީލަތްތައް ނެތުމަކީ މިވަގުތު އެޔުނިވަރސިޓީއަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ. އަދި އެކަށީގެންވާ ފަދަ ލައިބްރަރީއެއްވެސް ޔުނިވަރސިޓީގައި ނެތްކަން ފާހަގަކުރެއްވިއެވެ. އިސްލާމިކް ޔުނިވަރސިޓީ ކުރިއަށް އޮތްތަނުގައި ތަރައްޤީވެގެންދާއިރު، އުއްމީދަކީ ރާއްޖޭގެ އުތުރާއި، ދެކުނުގައި ޔުނިވަރސިޓީގެ ގޮފިތައް ހެދިގެންދިއުން ކަމަށާއި ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ މަޢުލޫމާތު އެންމެ ފުރިހަމައަށް ދިރާސާކޮށް އެމަޢުލޫމާތު ފޯރުކޮށްދޭ ތަނަކަށް ޔުނިވަރސިޓީ ވެގެންދާނެ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.