ޤައިދީންނާއި ބަންދުމީހުންނަށް ވަކީލުންނާ ބައްދަލުކުރުމަށް ދޭ ފުރުޞަތު ކަރެކްޝަނަލް ސާރވިސް އިން އިތުރުކޮށްފިއެވެ. މިއަދު ޢާންމު ކުރި ޤާނޫނީ ވަކީލުންގެ ބައްދަލުވުން ހަމަޖެއްސުމާއި ގުޅޭ އުސޫލްގައި ބަޔާންކޮށްފައިވާގޮތުގައި ޤައިދީންނާއި ބަންދު މީހުންނަށް އެހީތެރިކަން ހޯދުމަށް ފަސް ޤާނޫނީ ވަކީލުން ރަޖިސްޓްރީކޮށް، އޭގެ ތެރެއިން އެއްފަހަރާ ތިން ޤާނޫނީ ވަކީލުންނާ ބައްދަލުކުރެވޭގޮތް ހަމަޖައްސާފައިވާކަމަށެވެ.
މިއަދު ޢަމަލުކުރަންފެށި މި އުސޫލްގައި ޤައިދީ ނުވަތަ ބަންދުމީހާ ޖަލަށް ގެނައުމަށް ފަހު، އެ ޤައިދީ ނުވަތަ ބަންދުމީހާ ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށް އެދޭތާ 24 ގަޑިއިރުގެ ތެރޭގައި، ޤާނޫނީ ވަކީލުން ހަމަޖެއްސުމަށްޓަކައި ދިހަ މިނެޓުގެ ފޯނުކޯލެއް ދޭންވާނެކަމަށް ބުނެފައިވެއެވެ. އަދި ޤައިދީ ނުވަތަ ބަންދުމީހާގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްޓަކައި "ޤާނޫނީ ވަކީލު ބައްދަލުކުރުމަށް އެދޭ ފޯމް" ފުރިހަމަކުރުމަށް ފަހު ޤާނޫނީ ވަކީލުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދައިގެ ކޮޕީ ހުށަހެޅުމުން އެކަން ފަހިކޮށްދެވޭނެކަމަށްވެސް މި އުސޫލްގައިވެއެވެ.
މީގެ އިތުރުން ޤައިދީންނާއި ބަންދު މީހުން ވަކީލުންނާއި ބައްދަލުކުރާއިރު ޑައިރެކްޓަރ އޮފް ޕްރިޒަންސްގެ ހުއްދައާއެކު މުޢާމަލާތްކުރުމަށްޓަކައި ތަރުޖަމާނަކު ބޭނުންވެއްޖެނަމަ އެކަން ފަހިކޮށްދެވޭނެކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން ޤާނޫނީ ވަކީލުންނަށް ހުކުރު ދުވަހާއި ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހެއްގައި ޤައިދީ ނުވަތަ ބަންދުމީހާއާ ބައްދަލުކުރުމަށް އެދެވިދާނެކަމަށްވެސް މިއައު އުސޫލްގައި ބުނެފައިވެއެވެ.
ކުރިން ޢަމަލުކުރި އުސޫލްގައި ވަކީލުންނާ ބައްދަލުކުރުމުގެ ފުރުޞަތު ޤައިދީންނަށާއި ބަންދު މީހުންނަށް ދެނީ ގިނަ ވެގެން ދެ ވަކީލުންނާއެވެ. އަދި ރަޖިސްޓްރީ ކުރެވެނީވެސް ދެ ވަކީލުންނަށެވެ.
ސަރުކާރުން އަންނަނީ ޖަލުތައް އިސްލާހުކުރުމަށްޓަކައި ޚާއްޞަ އޮޑިޓެއް ހަދާ އެ އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒްކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހަފްތާގައި ވަނީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ޤައިދީންނަށް އާއިލާގެ ފަރާތުން އަންނައުނު ފޯރުކޮށްދިނުމުގެ އިންތިޒާމްވެސް ފަހިކޮށްދީފައެވެ.