ޚަބަރު

ދެއަހަރު ނުވާ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި ކާފައާއި މުނިކާފައަށް ދައުވާ އުފުލައިފި


ދެކުނުގެ ރަށެއްގައި ޢުމުރުން ދެއަހަރު ނުވާ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކުއްޖާގެ ކާފައާއި މުނިކާފަގެ މައްޗަށް ދަޢުވާއުފުލައިފިއެވެ. 

މިމައްސަލާގައި ދަޢުވާ އުފުލާފައުިވަނީ ގއ.ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ (62އ) އާއި ގއ.ކަނޑުހުޅުދޫ، އަންނާރުމާގެ، ޙަސަން މޫސާދީދީ (82އ) ގެ މައްޗަށެވެ. މިކަން ހާމަކުރައްވައި ޕްރޮސެކިއުޓަރ ޖެނަރަލް ޙުސައިން ޝަމީންވަނީ ޓްވީޓްކުރައްވާފައެވެ.

ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ މިދެމީހުންގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 15ވަނަ މާއްދާގެ (ހ)އާއި ޙަވާލާދީ، އެމާއްދާގެ (ށ)ގެ ދަށުން، ޢާއިލާގެ މެންބަރަކު އެޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި ތުޙުމަތު ކުރެވޭ ކުއްޖާގެ ބައްޕަ ފަރާތު އުމުރުން 62 އަހަރުގެ ކާފައާއި، 82 އަހަރުގެ މުނިކާފަ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

2 އަހަރުން ދަށުގެ ތުއްތު ކުއްޖާއަށް ޖިންސީ އަނިޔާކޮށް "ރޭޕް" ކުރިކަމުގެ ތުޙުމަތު ކުރެވޭ ކުއްޖާގެ މުނިކާފައަކީ މީގެކުރިންވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ފުރައްސާރަކުރުމުގެ ރިކޯޑު އޮތް މީހެކެވެ. އަދި ކުއްޖާގެ މުނިކާފަ އެ ރަށުގެ އެހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރާކަމަށްބުނާ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.

އުމުރުން ދެއަހަރުވެސް ނުވާ ތުއްތު ކުއްޖާއަށް ޖިންސީ އަނިޔާކުރި މައްސަލައާ ގުޅިގެން އިހުމާލުވިކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ތުޙުމަތުކުރެވޭ ފަރާތްތަކާމެދު ޤާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ގިނަ ބަޔަކު ގޮވާލަމުންދާއިރު، މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަޙްޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި މުވައްސަސާތަކުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި މިފަދަ މައްސަލަތައް އަވަސްކުރުމަށް ޝަރުޢީ ދާއިރާއިންވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ.