ވިޔަފާރި

ރޯދަމަސް ހޫނު މޫސުމާ ދިމާވާތީ ކަނޑޫދޫ މިރުސް ތަދުވާނެ!


މިއަހަރުގެ ރޯދަމަހުވެސް ޑިމާންޑާ އެއްވަރަށް ކަނޑޫދޫ މިރުސް ފޮނުވުމުގައި ދަތިތަކެއް ދިމާވެދާނެކަމަށް ކަނޑޫދުއިން ބުނެފިއެވެ.

ކަނޑޫދޫ ކައުންސިލުން ބުނީ މިއަހަރުވެސް ރޯދަމަސް ދިމާވަނީ ހޫނު މޫސުމާ ކަމަށްވުމުން އެރަށުގައި ހައްދާ މިރުހުގެ އަދަދު މަދުވާނެ ކަމަށެވެ.

ކަނޑޫދޫ މިރުސް މިހާރު ބްރޭންޑަކަށް ވެފައިވާއިރު، ރޯދަ މަހަކީ އެމިރުހަށް އޮންނަ ޑިމާންޑު އިތުރުވެގެންދާ މަހެކެވެ. އަދި ކޮންމެ އަހަރެއްގައިވެސް އެ މިރުހުގެ އަގު އުފުލިގެންދެއެވެ.

ކަނޑޫދޫ ކައުންސިލްގެ ނާއިބްް ރައީސް މުޙައްމަދު ނަވާޒް ވިދާޅުވީ އެރަށުގައި މިރުހުގެ ދަނޑުވެރިކަން ކުރުމަށް 200 އަށްވުރެ ގިނަ ބިން ދޫކޮށްފައިވާ ކަމަށެވެ. މުޅި އަހަރުގެ ތެރޭގައިވެސް އެމިރުހަށް ރަނގަޅު ޑިމާންޑެއް އޮންނައިރު، ރޯދަމަހަށް ވަކި ޙާއްސަ ތައްޔާރީތަކެއް އެރަށުގައި ވަމުން ނުދާކަމަށްވެސް ނަވާޒް ވިދާޅުވިއެވެ.

މިއަހަރުގެ ރޯދަމަސް ދިމާވަނީ ހޫނު މޫސުމަށްކަމަށްވުމުން މިރުހުގެ އަގު ބާޒާރުގައި އުޅޭނީ މިދިޔަ އަހަރެކޭ އެއް ހަމައެއްގައި ކަމަށް ނަވާޒް ވިދާޅުވިއެވެ.

ހުސްވި އަހަރުގެ ރޯދަމަސް ފެށުނުއިރު ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ހުރީ އެއްހާސް ރުފިޔާއަށްވުރެ މަތީގައެވެ. މިރުސް ކިލޯއެއް މި އަގުގައިހުރިއިރު 100 ގްރާމުގެ މިރުސް ލިބެނީ 100ރ އަށެވެ.

ނަމަވެސް ރޯދަމަހުގެ މެދެއްހާ ހަަމައަށް ދިޔައިރު، 100 ގްރާމުގެ ކަނޑޫދޫ މިރުސް 75 ރުފިޔާ އާއި 95 ރުފިޔާއާއި ދެމެދުގެ އަގެއްގައި ވިއްކަމުންދިޔައިރު، 1000ރ އާއި 1200ރ އަށް ލިބެންހުރި މިރުސް ކިލޯއެއް އުޅުނީ 400 ރުފިޔާއާއި 500 ރުފިޔާއާއި ދެމެދުގައެވެ.