ޚަބަރު

ފުރާވަރު ކޭމްޕް 93 ދަރިވަރުންނާއެކު ޖަލާލުއްދީން ސްކޫލްގައި ބާއްވައިފި


93 ދަރިވަރުންނާއެކު ފުރާވަރު ކޭމްޕެއް ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގައި ފަށައިފިއެވެ. މިއީ ސްކޫލް ދަރިވަރުންގެ އަޚްލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމާއި އެކު ކުށްމަދު މުޖްތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ކެމްޕެކެވެ.

މިކޭމްޕްގައި މަޢުލޫމާތު ދީފައިވާ ކަންތައް ތަކުގެ ތެރޭގައި ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި، ޤައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާނެ ފައިދާތަކާއި ، އިންޓަރނެޓްތެރެއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތްތައް ދަސްކޮށްދީފައި ވެއެވެ.

އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން ބުނެދީ އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން ގަނާކުރުމުގެ ނުރައްކަލާއި ގަނާ ކުރުމުން ލިބޭ ގެއްލުމާއި އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތުވެސް ދަރިވަރުންނަށް ދީފައި ވެއެވެ.

ފުލުހުން ބުނީ އަންނަ ހަފްތާގެ ހަފްތާ ބަންދުގައި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައި "ފުރާވަރު ކޭމްޕް" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.